
ނަމަވެސް މި ސަރުކާރުގެ މަތިފަޑީގައި މި ތިއްބެވީ، ފާއިތުވި އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްފެށި ބޯހިޔާވަހިކަމަކީ ކަނޑުއަޑިން ދީފައިވާ ތަންތަން ކަމަށް ބުނެ ހަޖޫޖަހަމުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ކަން ފާހަގަކޮށްލެވެއެވެ.
މިއަދު އެނގި ހާމަވަމުން މިދަނީ އޭރު މިބޭފުޅުން ދައްކަވަމުން ގެންދެވީ އެއްްވެސް އިހުލާސްތެރިކަމެއް އޭގައި ނެތް "ހޮޅި" ވާހަކަތަކެއް ކަމެވެ. ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އައުވާނުން، އަމިއްލަ ފުޅަށް އޭރު ވިދާޅުވި ބަސްފުޅުތައް އަނބުރާ އެބޭފުޅުންގެ އަނގަފުޅަށް ރައްދުވަމުން ކިތަންމެހާވެސް ރަނގަޅަކަށް އެބަ ދެއެވެ.
ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް "ބޯހިޔާވަހިކަން އެންމެންނަށް" ނަމުގައި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް މިހާރު އިއުލާން ކޮށްފައި ވާއިރު، ސަރުކާރުން އެ ވިދާޅުވި ޕޯޓަލް އިން އެޕްލައި ނުކުރެވޭކަމަށާ، ރައްޔިތުންނަށް މިއަދު ފެންނަން އޮތީ ހަމައެކަނި ހިޔާވަހި ޕޯޓަލްގެ ފޮޓޯ އެކަނި ކަމަށް ބުނެ ގިނަބަޔަކު ދަނީ ޝަކުވާތައް ކުރަމުންނެވެ. އަދި އަމުދުން އެ ސްކީމްގައި އެ ވިދާޅުވާ ބޯހިޔާވަހިކަމަކީ ކޮންތާކުން ފޯރުކޮށްދޭ ކަމެއްކަން ވެސް މި ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދީފައެއްވެސް ނުވެއެވެ.
ވަކި ކެޓަގަރީތަކަކަށް ބަހާލައިގެން 15،000 ގޯއްޗާއި 7.900 ފްލެޓް ދޫކުރާނެ ކަމަށާ، ޓެކްސީ ޑްރައިވަރުންނަށާއި، މަސްވެރިންނާއި ދަނޑުވެރިންނަށް އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުއައްޒަފުން ފަދަ އެކި ދާއިރާތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާ، މާލޭގެ ހަނި ގޯޅިތަކުގައި އުޅޭ މީހުންނަށް ވެސް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެކަމަށް ބުނެ މި ސަރުކާރުގެ ފުލް ކޮންޓްރޯލްގައި ހިންގާ ގިނަ މީޑިއާތަކުން ޚަބަރު ސުރުހީތަކެއް އެޅުން ނޫންކަމެއް ފެންނާކަށް ނެތެވެ.
އެހެންކަމުން މިއީ ހަމައެކަނި އިންތިހާބަށް ވޯޓު ހޯދުމުގެ ބޭނުމުގައި ކަޑަޖެހުން ފަދަ ކަމެއް ކަމަށާ، އެމްޑީޕީ ސަރުކާރު ނިމުނުއިރު، ގިނަ ތަންތަން އިމާރާތްކޮށް ބައެއް ޓަވަރުތައް ނިމުމާ ގާތްވެފައި ހުރި 4000 ފްލެޓް ވެސް އޭގެ ހައްގުވެރިންނަށް ހަވާލުނުކުރެވި ދެ އަހަރަށް ވުރެ ގިނަދުވަސް ހޭދަކޮށްލި ބަޔަކު، މި ދައުރުގައި ދެން ބާކީ އޮތް ދެ އަހަރާ މަސްކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.
އަސާސީ ވަސީލަތްތަކާއި މަގުތަކެއް ނެތް ތަނަކުން ފްލެޓާއި ގޯތި ދޫކުރުމަކީ ރައްޔިތުން އިތުރަށް މާޔޫސްކުރުން ކަމަށާ، ރައީސް މުއިއްޒުގެ ބޭނުންފުޅަކީ ބޯހިޔާވަހިކަމުގެ ހުވަފެން ގިނަބަޔަކަށް މި ސަރުކާރުން ދައްކާ، ކުރިން ސަރުކާރުން ފްްލެޓާއި ގޯތި ދިން މީހުންނަށް މުއިއްޒު ޖެއްސި ހާލަށްވުރެން ބިކަހާލު ޖެއްސުން ކަމަށް ވެސް ބައެއް ސިޔާސީ ބޭފުޅުން ބުނަމުން ދެއެވެ.
އަދި ހަގީގަތަކީ، މި ސަރުކާރުން މިހާރު ހުޅުވާލާފައިވާ ސްކީމަކީވެސް ސިއްރު ޑީލުތަކެއްގެ ދަށުން ބިން ހިއްކާނެ ކަމަށް ބުނާ، ވުޖޫދުގައި ވެސް ނެތް ތަންތަން ކަމަށަ ވާއިރު، މިހާރު ވެސް ފެންނަން އޮތް ހަގީގަތަކީ ފާއިތުވި އެމްޑީޕީ ސަރުކާރުން މި ސަރުކާރަށް ވުރެ މާބޮޑު އިސްކަމެއް ދީގެން މާ އިހުލާސްތެރިކަމާއެކުގައި އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ހިންގާފައިވާކަން ކަމުގައި ގިނަބަޔަކު ސިފަކުރެއެވެ.
މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވާ ކަމަށާ، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
އަދި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނޭ ކަމަށާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފައި ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނެ ކަމަށާ، ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ވެސް ހާއްސަ ކެޓަގަރީތަކެއް ފްލެޓް ދޫކުރާ އިރު ހިމަނާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
ވެރިކަމުގެ ދެއަހަރު ފާއިތުވެގެން ދާއިރުވެސް އިވެނީ ވާހަކަ ތަކެކެވެ. އަމަލީ މަސައްކަތް ނުފެށެއެވެ. ފެށުނު ކަމެއް ވިޔަސް ކުރިއަށް ދަނީ ވަރަށް މަޑު ދުވެލީގައެވެ. ކުރީ ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔައި ވެރިކަމަށް އައި މީހުންގެ ކަންކަން މިހުރީ އެ ސަރުކާރަށްވުރެ އެތައް ގުނައަކުން ގޯސްކޮށެވެ. ދެއްކި ހުރިހާ ވާހަކަ އަކާއި ގޮވި ހުރިހާ އެއްޗެއް މިހާރު ނިސްބަތްވަނީ ހުދު މި ސަރުކާރުގެ ބޮޑުންނަށެވެ.




