
ވިޒިޓްމޯލްޑިވްސް އިން ބުނި ގޮތުގައި 'އެކްރޮސް މޯލްޑިވްސް' ގެ ނަމުގައި އަންނަ ހުކުރު ދުވަހު ފަށާ މި ހަރަކާތުގައި 15 ދުވަހުގެ ތެރޭގައި 55 ފަހަރު ފީނާނެ ހަރަކާތެއް ކަމަށާ، 450 ކިލޯ މީޓަރަށް ވުރެ ދިގު ރާސްތާއެއްގައި ކަނޑު އަޑިން މި ހަރަކާތުގައި ދަތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.
އެގޮތުން ދެ ރިކޯޑެއް މި ހަރަކާތުގައި ގާއިމުކުރުމަށް އަމާޒު ހިފާފައި ވާއިރު، އެ ދެ ހަރަކާތަކީ، ޑީޕީވީ ބޭނުންކޮށްގެން އެއް މަސްދުވަސްތެރޭ އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުމުގެ ރިކޯޑާއި، ޑީޕީވީ ބޭނުންކޮށްގެން އެއް ފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުމުގެ ރިކޯޑެވެ.
ވިޒިޓްމޯލްޑިވްސް އިން ބުނީ، މި ހަރަކާތަކީ ތިން އަތޮޅެއްގައި ކަނޑު އަޑިން ދަތުރުކޮށް، ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މަޝްހޫރު ޑައިވަރު ޝަފްރާޒް އަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، 50 ގަޑިއިރު ކަނޑުއަޑީގައި ހޭދަކޮށްގެން 2022 ވަނަ އަހަރު ވެސް ރިކޯޑެއް ވެސް ހަދާފައިވާ ޑައިވަރެއްކަން ފާހަގަކޮށްލެވެއެވެ.




