މޭޖާ ޖެނެރަލް (ރިޓަޔަޑު) މޫސާ އަލީ ޖަލީލު.-- ފޮޓޯ: ރައީސް އޮފީސް
މޫސާ އަލީ ޖަލީލު
ދޭސީ މުހައްމަދު 22 ޖެނުއަރީ 2026 (ބުރާސްފަތި)   09:35
ސިފައިންގެ ސާވިސް ނަންބަރު 601، މޭޖާ ޖެނެރަލް (ރިޓަޔަޑު) މޫސާ އަލީ ޖަލީލު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 3 ޖުލައި 1980 ގައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން އިސްތިއުފާ ދެއްވާ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ.

ތައުލީމާއި ތަމްރީނު

މޫސާ އަލީ ޖަލީލް އުފަންވެވަޑައިގަތީ 26 ޖޫން 1960 ފުރަމާލޭ ގައެވެ. ސާނަވީ ތަޢުލީމު ފުރިހަމަ ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތުމަށްފަހު މޫސާ އަލީ ޖަލީލު ވަނީ އަސްކަރީ ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފަ އެވެ. އެގޮތުން ސިންގަޕޯ އާމްޑު ފޯސަސް ޓްރައިނިން އިންސްޓިޓިއުޓުގައި އޮފިސާ ކެޑޭޓް ކޯހާއި، ޔުނައިޓެޑް ސްޓޭޓްސް އާމީ އިންފެންޓުރީ ސްކޫލް ފޯޓް ބެނިންގައި އިންފެންޓްރީ އޮފިސާ ބޭސިކް ކޯހާއި އިންފެންޓްރީ އޮފިސާ އެޑްވާންސް ކޯހާއި، އިނގިރޭސިވިލާތުގެ ރޯޔަލް މެރިންސް ކޮމާންޑޯ ސްކޫލް ލިމްޕުސުޓޯން ގައި އޯލް އާމްސް ކޮމާންޑޯ ކޯހާއި، އިންޑިޔާގެ ވެލިންޓަންގައި ޑިފެންސް ސާވިސް ސްޓާފު ކޮލެޖް ފުރިހަމަ ކުރެއްވުމާއި، އިންޑިއާގެ ނިއުދިއްލީގައި ނޭޝަނަލް ޑިފެންސް ކޮލެޖް ފުރިހަމަ ކުރެއްވުމާއި އެމެރިކާގެ ހަވާއީގައި އޭސިއާ ޕެސިފިކު ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީޒްގައި އެގްޒެކެޓިވްކޯސް ފުރިހަމަ ކުރެއްވުމާއި، ނިއާ އީސްޓު ސައުތު އޭސިއާ ސެންޓާ ފޯ ސްޓްރެޓެޖިކު ސްޓަޑީޒް ވޮޝިންޓަން-ޑީސީގައި އެގްޒެކެޓިވް ކޯހެއް ފުރިހަމަކުރެއްވުމާއި، 2005 ގައި އިންޑިޔާގެ ޔުނިވަސިޓީ އޮފް މެޑްރާސް އިން މާސްޓާ އޮފް ފިލޯސަފީ އެންޑް މާސްޓާ އޮފް ސައިންސް ޑިގްރީ އިން ޑިފެންސް އެންޑު ސްޓްރެޓެޖިކް ސްޓަޑީޒް ހާސިލުކުރެއްވުމާއި، އެމެރިކާގެ މޮންޓެރީ ކެލިފޯނިއާގައި ހުންނަ ނޭވަލް ޕޯސްޓްގްރެޖުއޭޓް ސްކޫލުން ޑިފެންސް ރިސޯސަސް މެނޭޖްމަންޓް ކޯސް ފުރިހަމަ ކުރެއްވުމާއި، ބަނގްލަދޭޝްގައި ޕާރޓިސިޕަންޓު އިންދަ ޕެސިފިކް އޭރިޔާ ސީނިއާ އޮފިސާ ލޮޖިސްޓިކު ކޯހާއި، ޕާޓިސިޕަންޓު އިންދަ އެއިޓީންތު ޕެސިފިކް އާމީސް މެނޭޖުމަންޓު ކޯސް ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުންވެސް އެކިފެންވަރުގެ ސެމިނާތަކާއި ވޯކްޝޮޕު ފަދަ ޕްރޮގުރާމުތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޫސާ އަލީ ޖަލީލު މަސައްކަތްކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ލާންސު ކޯޕުރަލް، ކޯޕުރަލް، ސާޖަންޓު، ސްޓާފު ސާޖަންޓް، ލެފްޓިނެންޓު، ކެޕްޓަން، މޭޖާ، ލެފްޓިނަންޓު ކާނަލް، ކާނަލް، ބްރިގޭޑިއާ ޖެނެރަލް އަދި މޭޖަރ ޖެނެރަލް ރޭންކު ހިމެނެއެވެ. މޭޖާ ޖެނެރެލް ރޭންކަށް ޕްރޮމޯޓު ވެވަޑައިގެންފައިވަނީ 8 ފެބްރުއަރީ 2009 ގައެވެ. އަދި ޗީފް އޮފް ޑިފެންސުގެ މަގާމަށް މޫސާ އަލީ ޖަލީލު އައްޔަނު ކުރައްވާފައި ވަނީ 18 ނޮވެމްބަރު 2008 ގައެވެ.

ލިބިވަޑައިގެންނެވި ކާމިޔާބީތައް

މޭޖާ ޖެނެރަލް (ރިޓަޔަޑު) މޫސާ އަލީ ޖަލީލު ސިފައިންގޭގައި ކުރައްވާފައި ހިދުމަތްތަކާއި ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު މެޑެލްތަކާއި ޑެކަރޭޝަންސް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން، ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި 3 ނޮވެމްބަރުގެ މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި، ސައްތައިގެ މެޑެލި، ހުރަވީ ރަންމެޑެލި، ދިގުމުއްދަތުގައި ހިދުމަތްކުރުމުގެ މެޑެލި، މަތިވެރި ހިދުމަތްތަކުގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިހުލާސްތެރި ހިދުމަތުގެ މެޑެލި، ސިފައިންގެ ހިދުމަތުގެ މެޑެލި އަދި އަހުލަގީ މެޑެލި ހިމެނެއެވެ. 

ލިބިވަޑައިގެންފައިވާ ޑެކަރޭޝަންސްތަކުގެ ތެރޭގައި ހާއްސަ ހިދުމަތުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ކާމިޔާބުގެ ކުލަ ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރަށް، ދިގުމުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ، އިހުލާސްތެރި ހިދުމަތުގެ ކުލަ، ސިފައިންގެ ހިދުމަތުގެ ކުލަ، އަދި އަހުލާގީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށް ހާސިލު ކުރައްވާފައިވެއެވެ.

ގައުމީ ހިދުމަތް

މޫސާ އަލީ ޖަލީލަކީ ރާއްޖެއިން ބޭރުން ތަފާތު ތަމްރީނުތައް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ލިބިވަޑައިގެންނެވި ތަމްރީނާއި ތަޖުރިބާގެ އަލީގައި ސިފައިން ތަމްރީނު ކުރެއްވުމުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރެއްވިއެވެ. ކޯސްޓުގާޑާއި، ސްޕެޝަލް ޕުރޮޓެކްޝަން ޔުނިޓާއި، ކުއިކް ރިއެކްޝަން ފޯހާއި، ހުޅުލޭގެ އެންމެ އިސްވެރިއެއްގެ ގޮތުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއެއްގެ ގޮތުގައި ދިވެހިގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވިއެވެ. މިގޮތުން، ދިވެހި އަސްކަރިއްޔާގެ އެކިއެކި ޔުނިޓްތަކުގެ ތަޖުރިބާ އާއި ފުޅާ ދާއިރާއެއްގައި ލިބިވަޑައިގެން ހުންނެވި އަސްކަރީ އިލްމާއި، ހުނަރާއި ގާބިލުކަމުގެ ސަބަބުން މޫސާ އަލީ ޖަލީލު ވެގެން ގޮސްފައި ވަނީ ދިވެހި އަސްކަރިއްޔާއަށް ލިބިފައިވާ ވަރަށް ބޮޑު އެސެޓަކަށެވެ.

މޫސާ އަލީ ޖަލީލު ވަނީ ސިފައިންގެ ލީޑަޝިޕުގައި ހުންނަވައިގެން ސިފައިންގޭގެ އިންސާނީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ދިވެހި އަސްކަރިއްޔާއަކީ މިޝަން އޮރިއެންޓެޑް ހަތިޔާރު އެޅި ބާރެއްގެ ގޮތުގައި އަލުން އިންތިޒާމުކޮށް، އެކުލަވާލުމުގައި ވަރަށް ބޮޑު ހިއްސާއެއް އަމަލީގޮތުން އަދާކުރެއްވި ބޭފުޅެކެވެ.

ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރެއްވުމަށްފަހުގައިވެސް ފުރުސަތު ލިބިވަޑައިގެންފި ނަމަ ގައުމަށް ހިދުމަތް ކުރުމުގެ ރޫހަކީ މޫސާ އަލީ ޖަލީލުގެ ހިތުގައި ޖަހަމުން ދިޔަ ވިންދެކެވެ. މިގޮތުން، މޫސާ އަލީ ޖަލީލު ވަނީ ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ދިފާއީ ވަޒީރުކަމުގެ މަގާމު ނުހަނު އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު އަދާ ކުރައްވާފައެވެ.

ހިތްވަރުގަދަ ގައުމީ ބަތޮލެއް

މޫސާ އަލީ ޖަލީލަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ގައުމީ ބަތޮލެކެވެ. މި ހަމަލާދިން އިރު މޫސާ އަލީ ޖަލީލު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ ޓާސްކް ފޯހުގެ ކޮމާންޑަރަކަށެވެ. އެ ދުވަހު ސިފައިންގެ ތެރޭގައި އެމަނިކުފާނު ވަނީ އަމިއްލަ އިސްނެންގެވުމަށް މުހިންމު އެތައް ކަމެއް ކުރައްވައި ސިފައިންގެ ސަފުތައް ރޫޅުނަނުދީ ބަދަހިކަމާއެކު ހިފަހައްޓަވައިފައެވެ. އަދި މޫސާ އަލީ ޖަލީލު، އެ ދުވަހު ޒަހަމުވެ ވަޑައިގެންފައިވަނިކޮށް އަދި ދުޝްމަނުން ހަމަލާ ދެމުން ދަނިކޮށް، އަމިއްލަ ފުރާނަ އަތްމައްޗަށް ލައްވައިގެން، ގައުމަށްޓަކައި މޭ ދިއްކޮށް ލެއްވުމަކީ އަޒުމެއްކަމުގައި ހައްދަވައިގެން ރެކީ ޕެޓްރޯލަށް ސިފައިންގެއިން ބޭރަށް ނުކުމެވަޑައިގެންނެވިއެވެ. ނަތީޖާއަކަށްވީ ދުޝްމަނުންނަށް ސިހުންލިބި، ފަހަތަށް ޖެހެން މަޖުބޫރު ވުމެވެ. އެ ދުވަހު މޫސާ އަލީ ޖަލީލު ދެއްކެވި ގައުމީ ޖޯޝާއި، ހިތްވަރާއި، އިހުލާސްތެރިކަމަކީ އަދި ގައުމީ މަތިވެރި ހިދުމަތަކީ ދިވެހި ޒުވާނުންނަށް ހުރި މާނައިން ފުރިގެންވާ އިބުރަތެކެވެ. ރައްޔިތުންގެ ލޯތްބާއި، އެންމެ މަތީ އިހުތިރާމު މޫސާ އަލީ ޖަލީލަށް ލިބިގެން ދިޔަ ސަބަބެކެވެ. 3 ނޮވެމްބަރުގެ ކަންކަން ހިނގާދިޔަ ގޮތާގުޅޭގޮތުން މޫސާ އަލީ ޖަލީލު ވަނީ "އެދުވަސްތައް މާޒީވެ ދިޔަސް އެ ހަނދާންތައް ފޮހެވިގެންނެތް ނުދެއެވެ." މިނަމުގައި ޑައިރީއެއް ލިޔެ އާންމުކުރައްވާފައެވެ.

ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް

ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް (ނއވއ)، މޫސާ އަލީ ޖަލީލަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެރުވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން މޭޖާ ޖެނެރަލް (ރިޓަޔަޑު) މޫސާ އަލީ ޖަލީލު ކުރެއްވެވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވެވި މަސައްކަތްޕުޅުތަކާއި، ހާއްސަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން 3 ނޮވެމްބަރު 2025 ދުވަހުއެވެ.

ދިވެހިރާއްޖެ މިނިވަންކަމާއި، އަމާންކަމާއެކު އަހުރުމެނާ ހަމައަށް ވާސިލުވެފައިވަނީ މޫސާ އަލީ ޖަލީލާއި، ޝަހީދު ހުސައިން އާދަމާއި، ދޮންބަންޑާރައިންނާއި، ގާޒީރަދުންނާއި، އަލިރަސްގެފާނު ފަދަ އެތައް ގައުމީ ބަތޮލެއްގެ ޖިހާދާއި، ގުރުބާނީގެ ސަބަބުންނެވެ. މިފަދަ ބަތޮލުންނަށް ދިވެހި ގައުމު ދަރާފައިވާ ދަރަނި ބޮޑެވެ. ތާ އަބަދު ދެމިހުންނަ ޒިކުރާއަކަށް ނިމުމެތް ނެތެވެ.

ކޮމެންޓް