
އެމެރިކާ އާއި ޔަހޫދީ އިސްރާއީލް ގުޅިގެން މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ލިބުން ގިނަ ގައުމުތަކަކަށް ދަތިވެފައި ވާއިރު، މޯލްޑިވް ގޭސްއިން މި ބަދަލު ގެނައީ، އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ އަށް ވެސް ގޭހުގެ ދަތިކަން ފޯރާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން އެ ކުންފުނިން މިހާރު ވަނީ، އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއްގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ.
މިހާރު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ އެއަށް ފަސް ކިލޯއަށް ގޭސް އަޅައިގެންކަން ހާމަކޮށް މޯލްޑިވް ގޭސްއިން މިއަދު ބުނީ، މިހާރު ލިބެންހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާއަށް ކަމަށެވެ.
ސަރުކާރުގެ ގޭސްކުންފުންޏަކީ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ، ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރެވޭއިރު، އެ ކުންފުނީގެ އެމްޑީ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވަނީ އެ ކުންފުންޏަށް ގޭސް އެތެރެކުރުމަށްޓަކައި ގޭސް ޝިޕްމެންޓަކަށް ހިޔާނާތްތެރިވެފައި ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން ދެއެވެ.




