
އިއްޔެ މިކަމަށް އެދި ހުށަހެޅީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ކުޑޫ ހުށަހެޅުއްވި ސުވާލުގައިވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ދޭ ލޭގެ ހިދުމަތާބެހޭ ގައުމީ ނިޒާމު ގާއިމްކޮށް، ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި އެ ކުދިން ތައާރަފުކޮށްދޭ ފަރާތްތަކާއި، އެ ފަރާތްތަކުގެ ލޭގެ ތަފުސީލު ދަފުތަރެއް ގާއިމްކުރުމަށް ގިނަ ދުވަސް ނަގާ ކަމަށާ، ލޭ ހޯދުމަށް ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ވެސް ނުގެނެވޭތީ އެކަމަށް މިނިސްޓަރު ޖަވާބުދާރީ ވުމަށެވެ.
ތެލަސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެ ބެލެނިވެރިންނާއި ގިނަ އާންމުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި މެންބަރު ކުޑޫ މި މައްސަލާގައި ސުވާލު ކުރަން ހުށަހަޅުއްވާފައި ވާއިރު، ތެލަސީމިއާ މީހުންނަށް ކަންކަން ފަހި ކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ސަރުކާރުން ބުނެއެވެ.
އެހެންކަމުން މިދިޔަ އަހަރުގެ ފަހު ވަނީ، އެ ފަރާތްތަކަށް ދެހާސް ރުފިޔާގެ އިނާޔަތެއް ކޮންމެ މަހަކު ދިނުމަށް ނިންމައި ސަރުކާރުން އެކަން އިއުލާނުކޮށްފައެވެ.




