
މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގެ ވޯޓު ގުނުން ކުރިއަށްދާއިރު ސިޓީތަކުގެ މޭޔަރުންގެ މަގާމު އެމްޑީޕީން ވަނީ ކަށަވަރުކޮށްފަ އެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާނެކަން ވަނީ ކަށަވަރުވެފައެވެ. އެމްޑީޕީން ފެންނަ ނުފެންނަ ވޯޓުގައި ކެމްޕޭން ކުރީ ދެ އިންތިހާބު އެއްކޮށްލުމަށް "ނޫނެކޭ" ބުނެއެވެ.
"މިއަދު މިފެނުނީ މުޅި ރާއްޖެ އަލުން ރަންރީނދޫ ވެގެން ދިޔަ މަންޒަރު. ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފު މެސެޖެއް." ޝާހިދު ވިދާޅުވެފައި ވެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެމްޑީޕީގެ ކާމިޔާބު ފާހަގަ ކުރައްވައި، ހުރިހާ ފަރާތްތަކަށް ސާބަސް ވިދާޅުވެފައެވެ.
"މި ފުރުސަތުގައި އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއި، ރަންރީނދޫ ލަޝްކަރާއި، މި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި އެންމެހާ ބޭފުޅުންނަށް އައްސަރިބަހުން ސާބަސްދެން. ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއި އެކު ޝުކުރުދަންނަވަން."
ޝާހިދު އިތުރަށް ވިދާޅުވެފައި ވަނީ، އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ ދިވެހިރައްޔިތުންގެ ވިންދާއި ޚިޔާލާއި މަޝްވަރާއާއެކު، ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.




