
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރު ވިދާޅުވީ އެ ހަނގުރާމައަކީ ރާއްޖެއާއި ވަރަށް ދުރުގައި ހިނގާ ހަނގުރާމައެއް ނަމަވެސް މުޅި ދުނިޔޭގެ އިގްތިސޯދަށް، ހާއްސަކޮށް ރާއްޖޭގެ އިގްތިސޯދަށް އެ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދު ހިނގަނީ ރާއްޖެ އަންނަ ޓޫރިސްޓުން އަތުން ލިބޭ ޑޮލަރުންކަން އަމްރު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ލިބޭ ޑޮލަރުގެ ގާތްގަނޑަކަށް %80 އަކީ ޓޫރިޒަމުން ލިބޭ ޑޮލަރު ކަމަށްވާއިރު ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ހީނަރުވާއިރު ތެލުގެ އަގު ބޮޑުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަމްރު ވިދާޅުވީ ހަނގުރާމައިގެ ދަނޑިވަޅު ސަރުކާރުގެ އަމާޒަކަށްވާންޖެހޭނީ ރައްޔިތުން ނިކަމެތިވިޔަނުދިނުން ކަމަށްވާއިރު، އެކަން ކުރާނެ ގޮތެއް މި ދަނޑިވަޅުގައި ސަރުކާރުން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަން ޖެހޭ ކަމަށެވެ.
"ސަރުކާރުން އެބަޖެހޭ މިވާ ގޮތާއި މިކަންކަން ދެން ކުރިއަށްގެންދާނެ ގޮތާއި ސަރުކާރުގެ ޕްލޭނަކީ ކޮބައިކަމާއި އަދި ރައްޔިތުން ނިކަމެތިވިޔަނުދީ މިކަން ކުރުމަކީ ސަރުކާރެއްގެ ވާޖިބު. އެހެންވީމަ މިވަގުތު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް އެންމެ މުހިންމު ކަމަކީ ސަރުކާރުން އެ މައުލޫމާތުތައް ޓްރާންސްޕޭރެންޓު ގޮތެއްގައި ދިނުން،" އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ސަރުކާރުން ހަމައެކަނި ކޮމިޓީއެއް އެކުލަވާލިޔަސް އެކަން ފުރިހަމަ ނުވާނެ ކަމަށާއި ރާއްޖެއިން އަމަލުކުރާނެ ގޮތުގެ ތަފްސީލުތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.
ކުރު މުއްދަތުގައި ހަނގުރާމަ ހުއްޓާލިއަސް ރާއްޖޭގެ އިގްތިސޯދަށް ބޮޑު އަސަރެއް ކުރާނެ ކަމަށާ، ހަނގުރާމަ ދިގުލައިފިނަމަ އެކަމުން އަރައިގަންނަން ރާއްޖެ ފަދަ ގައުމަކަށް ވަރަށް ވަގުތު ނަގާނެ ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ ދުރާލާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
އަދި ދުނިޔޭގެ އެކި ގައުމުތަކުން ހަނގުރާމައިގެ މި ދަނޑިވަޅު އަމަލުކުރާނެ ގޮތްތައް ހާމަކުރަމުންދާކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ ދިވެހި ސަރުކާރުން ވެސް އެފަދައިން އަމަލުކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އަވަހަށް އަޅަން ޖެހޭ ކަމަށާއި ކޮވިޑުގައި ރާއްޖެއިން އެހެން ގައުމުތަކުން ތަހައްމަލުކުރި ކަންކަން ތަހައްމަލުކުރަން ނުޖެހުނީ ދުރާލައި އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުންނާއި އާންމުންނަށް ފޯރުކޮށްދިން މައުލޫމާތު ތަކުގެ ސަބަބުންކަން އަމްރު ފާހަގަ ކުރެއްވިއެވެ.




