ހުޅުމާލެ ހޮސްޕިޓަލް.-
ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުންދިޔަ ގައިދީއެއްވެސް ނިޔާވެއްޖެ
ޖުނާން އަޙުމަދު 2 ފެބްރުއަރީ 2026 (ހޯމަ)   21:34
އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދެނިކޮށް ގައިދީއެއް މިއަދު ހެނދުނު ނިޔާވެފައި ވަނިކޮށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުންދިޔަ ގައިދީއެއްވެސް މިއަދު ނިޔާވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މައުލޫމާތު ދީފައިވާ ގޮތުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވެފައިވަނީ، ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) އެވެ. އޭނާއަކީ ޖަލުގައި ދިގު ހުކުމް ތަންފީޒުކުރަމުން ދާ މީހެއް ކަމަށާ، އޭނާ ނިޔާވީ މިއަދު މެންދުރުފަހު ކަމަށްވެސް އެމްސީއެސް އިން ބުންޏެވެ.

އެމްސީއެސް އިން ބުނެފައިވާ ގޮތުގައި އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު ފަހު 1:30 ގައެވެ. ހަމަ އެވަގުތު އަވަސް ފަރުވާ ދޭން ފަށާފައި ވީނަމަވެސް މެންދުރު ފަހު 2:05 ހާއިރު އެމީހާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާކަމަށް އެމްސީއެސް އިން ބުންޏެވެ.

ޙަސަން ނިޔާޒް ނިޔާވުމާ ގުޅިގެން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާ އަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް އެމްސީއެސް އިން މައުލޫމާތު ދީފައިވެއެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗްގައި ނިޔާވި ގައިދީ އަކީ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ) އެވެ. އެމްސީއެސް އިން ބުނެފައިވާ ގޮތުގައި އިބްރާހިމް ސުޙެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވެއެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މިއަދު ހެނދުނު 9:05 ހާއިރު އެވެ.

ކޮމެންޓް