
މި ޕޯޓަލް އިފްތިހާހުކޮށްފައި ވަނީ މަޖިލީސް އިދާރާގައި އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ލޯ ބައިވެރިވެވަޑައިގެންނެވި އެވެ.
ޕޯޓަލް އިފްތިތާހުކުރުމަށް ފަހު މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާ ކުރުމަށް އެޅި ތާރީހީ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މަޖީލީހަށް ޕެޓިޝަން ހުށަހެޅުމާއި ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތްތައް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނެފައިވާގޮތުން، ޕޯޓަލްގައި ސޮއިކުރުމާއި ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރާނީ އީފާސް މެދުވެރިކޮށެވެ.
"މި ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ދިވެހިރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެއެވެ. އަދި، ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ވަނީ ތަޢާރަފުކުރެވިފައެވެ." މަޖިލީހުގެ ބަޔާނުގައި ވެއެވެ.
މީގެ ކުރިން އޮންނަ ގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅެނީ މަޖިލިސް މެންބަރެއް މެދުވެރިކޮށެވެ.
މިއަދު އިފުތިތާހުކުރި، އީ-ޕެޓިޝަންގެ މި މަސައްކަތަކީ، އަންހެނުންނާއި، ޒުވާނުން އަދި މަދަނީ ޖަމްޢިއްޔާތަކާ އެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު، 2023 ވަނަ އަހަރު ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ސިޔާސަތު ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ މަސައްކަތެއް ކަމަށް މަޖިލީހުން ބުނެފައި ވެއެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:
ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން އެކުލަވާލި ސިޔާސަތު ކަރުދާހުގެ ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމަނައި، މިއަދުން ފެށިގެން އެ އިޞްލާޙުތަކަށް އަމަލުކުރަން ފަށާފައިވާކަންވެސް މަޖިލީހުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މި ޕޯޓަލް ފަރުމާކޮށްފައިވަނީ މަޖިލީހާއި ޔޫއެންޑީޕީއާ ގުޅިގެން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.




