ބަންޑާރަ މިސްކިތް، މި މިސްކިތަށް މިހާރު 98 އަހަރު ވަނީ ވެފައި.---
ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި
ޖުނާން އަޙުމަދު 9 މާރޗް 2026 (ހޯމަ)   23:36
މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ތަޅާނުލައި، ތާރީހީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ސަތޭކަ އަހަރާ ގާތްކުރާ ތާރީހީ މިސްކިތް ތަޅާލައި، ޒަމާނީ މިސްކިތެއް އަޅަން ނިންމިކަން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މިމަހުގެ 6 ވީ ހުކުރު ދުވަހު އިއުލާންކުރެއްވި އެވެ.

އެއާއެކީ ސޯޝަލް މީޑިއާގައި އެ ތަން ހިމާޔަތްކުރުމަށް ގޮވާލާ އަޑުގަދަވެފައި ވަނިކޮށް، މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލް މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވާ ހުސައިން ފުރުޝާނެވެ.

ފުރުޝާން، މި މަހުގެ 7 ވަނަ ދުވަހު ހުށަހެޅުއްވި ޕެޓިޝަނުގައި ބުނެފައިވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ޚާއްސަވެގެންދަނީ އިނގިރޭސި ހިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާ އަދި އެ އަޅުވެތިކަމުން މިނިވަންވުމާ މި މިސްކިތާ ގިނަ މާނައެއްގައި ގުޅިފައިވާތީ ކަމަށެވެ.

އަދި އިނގިރޭސި ހިމާޔަތަށް އޭގެ އެތައް އަހަރެއް ފަހުން ރާއްޖެ މިނިވަންވުމާ ގުޅިފައިވާ މުހިންމު ހުރިހާ ތަނެއް ނައްތާލެވިފައިވާ ކަމަށާއި އެ މުހިންމު ހަނދާނަކަށް ހަމައެކަނި ފެންނާން ހުރި ބިނާއަކީ މާލޭ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ވަރަށް ފަހުން ތައާރަފުކުރި އީޕެޓިޝަނަކަށް ސޮއި ހަމަކުރުމަށް 42 ދުވަސް ނުވަތަ ހަ ހަފުތާގެ މުއްދަތެއް ލިބޭނެ އެވެ. އީޕެޓިޝަންތަކުގައި އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ސޮއި ދެވޭނެއެވެ.

ޕެޓިޝަނެއް މަޖިލީހުގައި ކުރިއަށް ގެންދާނީ:

  • މަދުވެގެން 500 ސޮއިކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުން
  • މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ
  • 2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް މައްސަލައެއް ގޮތުގައި ކުރިއަށްދާނެ


ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ހުށަހެޅުމުން ގެންނަން ބޭނުންވާ ހައްލަކީ، މާލޭ ބަންޑާރަ މިސްކިތް ތަޅާލައި އައު މިސްކިތެއް އިމާރާތްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައި، މާލޭ ބަންޑާރަ މިސްކިތަކީ ދިވެހި ރާއްޖޭގެ ތަރިކައިގެ ލިސްޓްގައި ހިމެނޭ މިސްކިތަކަށް ހެދުމެވެ.

ކޮމެންޓް