މެންބަރު މައުރޫފް، މިއަދުގެ ޖަލްސާގައި.--
މައުރޫފް އިހުތިޖާޖު ކުރުމުން ނަން އިއްވައި މަޖިލިސް ތަޅުމުން ނެރެފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ފާސްކުރަނީ
ޖުނާން އަޙުމަދު 10 ފެބްރުއަރީ 2026 (އަންގާރަ)   10:12
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

މައުރޫފްގެ ނަން ރިޔާސަތުން އިއްވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ބަހުސަށް ހުޅުވާލުމުން، މައުރޫފް ގާނޫނުއަސާސީ ހިފައިގެން ރިޔާސަތުގެ ކުރިމަތީ އިހުތިޖާޖު ކުރައްވަން ފެއްޓެވުމުންނެވެ.

މިއަދު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުން އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ތަޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމާނީ މަޖިލީހުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ތަކުރާރުކޮށް ނަން އިއްވުމަށް ފަހު، ސެކިއުރިޓީން މެދުވެރިކޮށް މައުރޫފް ވަނީ ތަޅުމުން ނެރެފައެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތެވެ.

އެ ބިލު މަޖިލިސް ކޮމިޓީން ދިރާސާކުރުމަށްފަހު އިއްޔެ އެންމެ ފަސް މިނެޓަށް ކުރިއަށްދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އިސްލާހެއް ނުގެނެހެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.

މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، އެޖެންޑާގެ "ވޯޓަށް އެހުމަށްހުރި ކަންކަމަށް ވޯޓަށް އެހުން" ކުރިއަށްދާއިރު އެ ބިލަށް ވޯޓަށް އަހައި ފާސްކުރާނެ އެވެ.

ކޮމެންޓް