މާލޭސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިންޓާރަނަލް އޮޑިޓްތަކުގެ ތެރެއިން މާލޭސިޓީ ކައުންސިލްގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓް ނިންމައި، ޝާއިއުކޮށްފިއެވެ.
އެކަން ހާމަކުރައްވާ މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް މީސްމީޑިއާގައި އިއްޔެ ވިދާޅުވީ، މާލޭސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެގޮތުން، އިންޓާރަނަލް އޮޑިޓެއް ކުރިއަށް ގެންދިއުމަށް ނިންމައި، އެކަމަށް އެކްސްޓާނަލް އޮޑިޓް ފާމެއް އަންޔަން ކުރެވި، އެ އިދާރާގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓް މިއަދު ވަނީ އާންމު ކުރެވިފައި ކަމަށެވެ.
"2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓް ފައިނަލް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުންން. އަދި ކުރިޔަށް ހުރި އަހަރުތަކުގެ އޮޑިޓްގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރެވެމުން. އޮޑިޓު ރިޕޯޓްގެ މެނޭޖްމަންޓް ކޮމެންޓްސްގައި ފާހަނގަ ކޮށްފައިވާ ފަދައިން، ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޤަވައިދާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ގިނަ އިސްލާހުތަކެއް ވާނީ ގެނެސްފައިކަން އުފަލާއެކު ފާހަގަ ކުރުން." - މޭޔަރު އާދަމް އާޒިމް
އަދި ތަރައްގީގެ އެކިއެކި މަސްރޫއުތައް ހިންގުމަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތައް ދޫކުރެވިފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޤަވައިދާ އަދި ކައުންސިލުގެ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް މިފަދަ މަސްރޫއުތައް ހިމެނޭ ހާއްސަ އިންޓަނަލް އޮޑިޓެއް އަދި ލީގަލް ރިވިއުއެއް ހެދުމުގެ މަސައްކަތްތަށް ވެސް މިހާރު ކުރެވެމުން އަންނަކަމަށް ވެސް އާދަމް އާޒިމް ވިދާޅުވިއެވެ.
"މިގޮތުން، މާލޭ ވެޓްމާރކެޓް ޕްރޮޖެކްޓްގެ އިންޓާނަލް އޮޑިޓް ނިމި ރިޕޯޓް މިވަނީ އާންމު ކުރެވިފައެވެ. އަދި މި ރިޕޯޓް މިވަނީ ކަމާގުޅުން ހުރި އިންވެސްޓިގޭޓިވް އިދާރާތަކަށް އިތުރަށް ތަހުގީގު ކުރުމަށް ފޮނުވިފައެވެ. އަޅުގަނޑު ދެކޭ ގޮތުގައި މާލޭ ސިޓީ އިދާރާގެ ނަޒާހަތްތެރިކަން އިސްކުރުމަށް މީ ކޮންމެހެން ކުރާންޖެހޭ ކަމެއް." - މޭޔަރު އާދަމް އާޒިމް
މަތީގައި ބަޔާންކުރެވިފައިވާ ރިޕޯޓުތައް ތިރީގައިވާ ލިންކުން ބައްލަވާލެއްވޭނެ:
މާލޭސިޓީ ކައުންސިލްގެ އިންޓާނަލް އޮޑިޓް ރިޕޯޓް 2019
އިންޓާނަލް އޮޑިޓް ރިޕޯޓް މާލޭ ސިޓީކައުންސިލްގެ އިދާރާ – ޑީބީޔޫ ވެޓް މާކެޓް ޕްރޮޖެކްޓް 20 ނޮވެމްބަރު 2025