
ރައީސް މުއިއްޒު ފައިސާ ދެއްވެވުމަށް ނިންމެވީ އިއްޔެ ހަވީރު މުލިއާގޭގައި އެ ފްލެޓްތަކުގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހުއެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށާއި ޑަބްލިއުޑީސީގެ ރައީސް ކަމަށް އަދި ފްލެޓްތައް ހިމެނޭ ސަރަހައްދަށް ވާދަކުރާ ކެންޑިޑޭޓުންވެސް ބައިވެރިވިއެވެ.
އިންތިހާބާ ދިމާކޮށް، މުލީއާގޭގައި ބޭއްވި ކެމްޕޭން ހަރަކާތެއް ފަދަ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްވާނެ ކަމަށް ވިދާޅުވި، ހާއްސަ އިނާޔަތް ބެހިގެންވާ ގޮތުގެ ހުލާސާ ތިރީގައި މިވަނީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވަނީ ރައީސްގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެކަން ކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ކޮބާތޯ ހުޅުމާލޭގެ ފޭސް އެކެއްގައި ހުރި ފްލެޓުތައް. އެ ފްލެޓުތަކަށް ވެސް މާރާމާތު ބޭނުންވޭ، އެ ފްލެޓްތައްވެސް ބޮލަށް އެބަ ވެއްޓޭ. އެ ފްލެޓުތަކުގެ ވެރިންގެ ހައްގެއް ނެތީތޯ،" ޝަމްހީދު ވިދާޅުވި އެވެ.
ސަރުކާރުގައި ކަންކަން ކުރުމަށް ބޭނުންވާ ފައިސާ އެބަހުރި ކަމަށާއި އެކަން ސާބިތުވަނީ ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ވެރިންނަށް މުއިއްޒު ދެއްވަން ނިންމެވި އެއް ލައްކަ ރުފިޔާގެ އިނާޔަތު ކަމަށް އަމީން ވިދާޅުވި އެވެ.
"ނަރުހުންނަށް އޯޓީ ދޭނެ ފައިސާއެއް ނެތް، ޓީޗަރުންނަށް ދޭނެ ފައިސާއެއް ދައުލަތަކު ނެތް. މިއީ ގާނޫނުގައި ލިޔެފައި ހުރި މާއްދާތައް، ވަކި ގޮތަކަށް ލިޔެފައި، އޭގެ ދަށުން ހަދާ ގަވާއިދަކުން އެ ބޭފުޅުންގެ ހައްގެއް އުންޏެއް ނުކުރެވޭނެ،" އަމީން ވިދާޅުވިއެވެ.
ވަކި ބަޔަކަށް ދޭން ޖެހުމުން ފައިސާ ނެތް ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އެ ކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހައްގުތައް ހޯދުމަށް މުދައްރިސުންނާއި ޓީޗަރުން އިހުތިޖާޖު ކުރުމަށް އަމީން ގޮވާލެއްވި އެވެ.
ގާނޫނުތައް ހަދާފައި ހުންނަނީ އޭގެ މައްޗަށް އަމަލުކުރަން ކަމަށާއި އެއާ ހިލާފުވުމުން ކުރާ ޖޫރިމަނާ ފަސް އަހަރުގެ ތެރޭގައި މާފުކުރާނެކަން ރައްޔިތު މީހާއަށް މިއަދު އެނގޭ ކަމަށް އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު ފިއްޓޭ ވިދާޅުވި އެވެ.
ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކަށް ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކުރަން މުއިއްޒު ނިންމެވިކަން ފާހަގަ ކުރައްވާ ފިއްޓޭ ވިދާޅުވީ މާލޭގައި އެތައް ބަޔަކު ކުއްޔަށް އުޅޭއިރު އެމީހުންނަށް ކުލި މާފުކުރާނެ ފަރާތެއް ނެތް ކަމަށެވެ.
"މި މާލޭގައި ކުއްޔަށް އެތައް ހާސް ބަޔަކު އެބަ އުޅޭ. އެކިއެކި ސަބަބުތަކާ ހުރެ ނުކުންނަން އެ ޖެހެނީ. އެ މީހުންނަށް މާފުކުރާނެ ފަރާތެއް ނެތް. ހުޅުމާލޭ ފޭސް 1، 2 ގައި އެތައް ފްލެޓެއް އެބަހުރި. ޖޫރިމަނާ ކޮށްފައި އެތައް ބަޔަކު އެބަތިބި،" ފިއްޓޭ ވިދާޅުވި އެވެ.
ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުރެ އެވެ. ރައީސް މުއިއްޒު ނިންމެވީ ކޮންމެ އެޕާޓްމަންޓެއްގެ ވެރި ފަރާތަށް 100،000 ރުފިޔާ ދިނުމަށެވެ. އެހެންކަމުން އެ އެންމެނަށް ފައިސާ ބަހަން ޖުމްލަ 16.1 މިލިޔަން ރުފިޔާ ހަރަދުވާނެ އެވެ.




