އިންތިހާބެއްގައި ވޯޓާސް ލިސްޓް ޗެކްކުރަނީ.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިންތިހާބުގެ އޮބްޒާވަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ޖުނާން އަޙުމަދު 14 މާރޗް 2026 (ހޮނިހިރު)   15:39
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އީސީ (އިލެކްޝަންސް ކޮމިޝަން) އިން ދިން މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

މި މުއްދަތު އިތުރުކުރަން ނިންމަންޖެހުނު ސަބަބެއް ކަމަށް އީސީން ބުނީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައި ވާތީ ކަމަށެވެ.

އެހެންކަމުން، މާދަމާރޭ މެންދަމު 12:00 ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާ، ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންކަން އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކަށް ފާސް ދޫކުރާނީ، އެއިން ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް ވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށް ވެސް އީސީން ބުންޏެވެ.

އަދި ކޮންމެ ހައިސިއްޔަތަކުން ވެސް ވޯޓުލާ މަރުކަޒުގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ އޮބްޒާވަރަކަށް ކަމަށް ވެސް އީސީން ބުންޏެވެ.

ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު މި އިންތިހާބުގައި ލިބިގެންވާއިރު، އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުން ކަމަށް އީސީން މައުލޫމާތު ދެއެވެ.

އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ވެސް މި އިންތިހާބުގެ ވޯޓާއެކުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް