މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އެމްޑީޕީ ހަރުގެ ޖަލްސާގައި.-- ފޮޓޯ: އެމްޑީޕީ
ތެޔޮ ލިބުން ދަތިވުމުން، ފެން އުފެއްދުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތު ހާމަކުރަންޖެހޭ
މަރްޔަމް މުޙައްމަދު 17 މާރޗް 2026 (އަންގާރަ)   12:58
ރާއްޖޭގެ ގިނަ ރަށްތަކުގައާއި މާލޭ ސިޓީގައި ފެން އުފައްދަނީ ޑީސަލް ބޭނުންކޮށްގެން ކަމަށާ، މާލޭ ސިޓީން ފެނަށް ޖެހިއްޖެނަމަ ސަރުކާރުން އަމަލުކުރާނެ ގޮތެއް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.

މޭޔަރު އާޒިމް ރޭ މިހެން ވިދާޅުވީ، މިހާރު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް މި ވަގުތު ދިމާވެފައިވާ ތެލުގެ ދަތިކަމާއެކު ރާއްޖެ ތެލަށް ޖެހިދާނެކަމުގެ ފުރުސަތު ބޮޑުކަމަށް ގިނަ އިގުތިސޯދީ މާހިރުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

މޭޔަރު އާޒިމަކީ، ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީގެ ފިނޭންސް ޑިޕާޓްމަންޓްގައި މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށްވާއިރު، ފާއިތުވި އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އާޒިމް އަދާކުރެއްވިއެވެ.

އަދި އެއަށްފަހު، ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ބެލެނިވެރިފަރާތް ކަމުގައިވާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ފާއިތުވި ސަރުކާރުގައި އާޒިމް ކުރައްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މީސްމީޑިއާގައި މޭޔަރު އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދަށް ބޭނުންވާ ފެން އުފަށްދަނީ ޑީސަލް ބޭނުންކޮށްގެން ކަމަށާ، މާލެ ސިޓީގެ ސްޓޮކަކީ ގިނަވަގެން އެއް ދުވަސް ކަމަށްވާއިރު، މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކުރަން އެބަޖެހޭކަމަށެވެ.

މާލޭ ސިޓީގެ ޑީސަލް ސްޓޮކް ބޭނުންކުރާނެ ތަރުތީބެއް އެކުލަވާ، މިކަމުގައި ސަރުކާރުގެ ޕްލޭނަކީ ކޮބައިކަން ރައްޔިތުންނަށް ތަފްސީލުކޮށް ބުނެދޭން ޖެހޭކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް