
ހަމަސް ފަސް
ތެޅިފޮޅިގެންވެސް އުލްޔާއަށް ގެއިން ނުކުމެވުނީ ހަމަ ކިރިޔާ ގަޑި ޖެހެން ފަސްމިނިޓް ހުއްޓައެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ސްކޫލާ ހަމައަށް ދެވުނީ ތިންވަނަ ރަނގަބީލު ޖެހި އަޑަށެވެ. ގޭޓުން އޭނާ ވަނުމާއެކު ސުޕަވައިޒަރ އަބްދުﷲ އުލްޔާއަށް ހީލާފައި ނިތްއަރުވާލަމުން ގޭޓް ލައްޕާލިއެވެ. ދެން މެންދުރުފަހު ސެޝަންގެ ކުދިންގެ އިންޓަވަލް ގަޑި ޖެހުމުގެ ކުރިން އެ ގޭޓެއް ނުހުޅުވާނެއެވެ.
އިސްއޮބާލައިގެން ހުރެ އުލްޔާ ކްލާހަށް ވަދެ ޑެސްކް މަތީގައި އޭނާގެ ބަރު ދަބަސް ބޭއްވި އިރަށް އެސެމްބްލީއަށް ދާން ރަނގަބީލު ޖެހިއެވެ. ހުރިހާ ކުދިން ކްލާހުން ބޭރަށް ނުކުމެ ސަފަށް އެރިއެވެ. އެންމެ ކުރީގައި އުލްޔާ ހުންނަން ޖެހެނީ އިސްކޮޅުން އެންމެ ކުރީ އޭނާ ކަމަށްވާތީއެވެ. އުލްޔާ އާއި ޖެހިގެން ހުންނަނީ ނިޔާޒާއެވެ. ދެން ލިޔުޝާއެވެ. ނިޔާޒާއަކީ އުލްޔާއަށްވުރެ އެއް އަހަރު ދޮށީ ކުއްޖެކެވެ. ލިޔުޝާއަށް އަދި އެގާރަ އަހަރު ނުފުރޭތީ އެއީ މުޅި ކުލާހުން އެންމެ ހަގު އެކަމަކު އުލްޔާއާއި ނިޔާޒާއަށްވުރެ ތިން އިންޗި ދިގު ކުއްޖެކެވެ.
އަމީރު އަހުމަދު ސްކޫލަށް ވަދެވުނީއްސުރެން އުލްޔާގެ އެންމެ ގާތް ރަހުމަތްތެރިންނަކީވެސް ނިޔާޒާއާއި ލިޔުޝާއެވެ. އުލްޔާގެ މަޑުމައިތިރި މިޒާޖާ އެކުދިންގެ މިޒާޖު ހާސްބައި ތަފާތު ވުމާއެކުވެސް އެ ދެކުދިން އަބަދުވެސް އުލްޔާ ގޮވައިގެން އެކި ކަންކަމުގައި ބައިވެރިކޮށްގެން އުޅެއެވެ. އުލްޔާ ހުންނަލެއް ކުޑަކަމުން ކްލާހުގެ އެހެން ކުދިންވެސް އުލްޔާ ދެކެ ވަރަށް ލޯބިވެއެވެ. ރަނގަޅަށް ދިވެހިބަހުން ވާހަކަދައްކަން އުލްޔާއަށް ނޭނގިގެން ރަށުބަހުން ބުނެލެވޭ ބަސްތައްވެސް ރަނގަޅުކޮށްދެއެވެ. އުލްޔާ ކައިރިން އެކި ވާހަކަ އަހާ ހަދައެވެ. ހުރިހާ ވާހަކައަކަށް ސާފު ޖަވާބުދިނަސް އެކުދިންނާ ހިއްސާކުރަން އުލްޔާ ބޭނުން ނުވާ ވާހަކަ ހުރެއެވެ. އެގޮތުން، ދެވަނަ ޓާރމް ފެށުނުއިރު އުލްޔާ ސްކޫލަށް ވަނީ ކީއްވެތޯ ކުދިން އެހުމުން އޭނާ އެ ސުވާލަށް ޖަވާބެއް ނުދެއެވެ. މަންމައާއި ކޮއްކޮމެންނާ ވަކިވެގެން އައިސް ދޮންމަންމަގެ ކައިރީގައި އުޅޭކަން އެއިން ކުއްޖަކަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ.
2:35 އަށް އުލްޔާ ސްކޫލަށް ދާގޮތަށް 4:35 ން 5:05 އަށް ލިބޭ އިންޓަވަލްގަޑިއާ ހަމައަށް އޭނާ ހުންނަނީ ފެންފޮދެއްވެސް ނުބޮއެވެ. އެހެން ކުދިން އަމިއްލަ ފެންފުޅިއެއް ގެންގުޅެއެވެ. ސްކޫލްގެ ފުރަތަމަ ހަފުތާ ނިމި ދެވަނަ ހަފުތާގެ ހޮނިހިރު ދުވަހު ލިޔުޝާ ސްކޫލަށް ދިޔައީ އުލްޔާއަށް ދޭން ފެންފުޅިއެއް ހިފައިގެންނެވެ. އުލްޔާގެ އަތުގައި ފެންފުޅިއެއް ނެތުމުން ލިޔުޝާ ދެރަވާތީ އޭނާގެ މަންމަ ކައިރީ ބުނެގެން ގަނެދިން ފުޅިއެކޭ ބުންޏެވެ. އުލްޔާ އުފާވެފައި ވަރަށް ޝުކުރު އަދާކުރިއެވެ.
އިންޓަވަލްގަޑީގައި އެކި ދުވަހު އެކި ކުދިންގެ ގެއަށް ގްރޫޕް ހަދާފައިގޮސް ކޮންމެވެސް އެއްޗެއް ކާލާ، ޖޫސްބޯލާ ހެދުން އެއީ އާންމު ކަމެކެވެ. ކްލާހުގައި ގިނައީ ހެންވޭރުގެ އެކިގެތަކުގައި ރަށްރަށުން ކިޔަވަން އައިސް ތިބޭ ކުދިންނެވެ. އެއިން ކޮންމެ ކުއްޖެއްވެސް އުޅޭ ގޭގެ ބަދިގެއަކީ އެ ކުދިންނަށްޓަކައި ހުޅުވިފައިވާ ތަނެކެވެ. އެ ކުއްޖަކު އުޅޭ ގެއަކަށް އުލްޔާ ގެންދިޔުން އެއީ ކޮންމެ ކުއްޖަކަށްވެސް ލިބޭ އުފަލަކަށްވެއެވެ. އަހުލާގު ރަނގަޅު މަޑުމައިތިރި އުލްޔާ ފެނުމުން އެ ގެތަކުގެ އިސްވެރިންވެސް ހީލާ ގޮވާލާ ހަދައެވެ.
އެއްދުވަހަކު ކުލާހުގައި އެންމެ ހީ ސަކަރާތްޖަހާ ޖޯކުކިޔާފައި އުޅޭ ހައްޖަ ބުންޏެވެ. 'މިއަދު ހިނގާ އުލްޔާ އުޅޭ ގެއަށް އިންޓަވަލް ބޯން ދާން. އަބަދަކު އުލްޔާއަށް އަހަރެމެން ނުގެންގޮހެއް ނުވާނެ.'
'އޯކޭ. ސްކޫލާ ވަރަށް ކައިރިވާނެ އުލްޔާ އުޅޭ ގެ.' އުލްޔާއަށް އެހެން ގޮތެއް ނެތިގެން އެ ކުދިން ގެންދަން އެއްބަސްވިއެވެ.
އިންޓަވަލްގަޑި ޖެހިއްޖެކަން އަންގާ ރަނގަބީލު ޖެހި އިރު ކްލާހުގެ ހުރިހާ ކުދިން ތިބީ އުލްޔާމެންގެއަށް ދާން ތައްޔާރުގައެވެ. އެންމެން ހެމުން ސަކަރާތް ޖަހަމުން ސްކޫލުން ނުކުމެގެން ދިޔައިރު އެންމެ ކުރީގައި ތިބީ އުލްޔާ، ނިޔާޒާ އަދި ލިޔުޝާ އެވެ.
ގެއާ ހަމައަށް ދެވުމުން އުލްޔާ ކުޑަކޮށް ފިނިވާގޮތްވިއެވެ. ރަޒީނައްތަ ކައިރީގައި ބުނެވެސްނުލާ ކުއްލިއަކަށް އޭނާގެ ކްލާސްކުދިން ގޮވައިގެން ވަދެގަތުމުން ހީކުރާނީވެސް ކީކޭބާވައެވެ.
އުލްޔާގެ ފަހަތުން ކުދިންތައް ވަންނަމުން ދިޔައިރު އަޑެއް ބަޑެއްނެތި ހަމަހިމޭންކޮށް އޮތް ގޭގައި ކުދިންގެ އަޑު ދިޔައީ ގަދަވަމުންނެވެ. ގޭތެރެއިން މީހަކު ނުފެނިގެން ކުރާ ސުވާލުތަކާއި، އެގެ ރީތިކަމުން އެކަމާ އެކިކުދިން ބުނެލާ ބަސްތަކެވެ. ދޮރެއް ހުޅުވާލާފައި ބޭރު ފެންޑާއަށް ނުކުތީ ރަޒީނައްތައެވެ. މޫނުމަތިން ފެނުނީ ރީތި ހިނިތުންވުމެކެވެ. އުލްޔާ ހުރީ ވަރަށް ލަދުންނެވެ. 'މިއަދު ކްލާސް ކުދިން އިންޓަވަލް ބޯން ބޭނުންވީ އުލްޔާ އުޅޭ ގެއަށް އަންނަން' އުލްޔާ ތެދަށް ކަންވީގޮތް ބުނެލިއެވެ.
'ހުންނާނެ ލުނބޯ ފަނި ގިރާފަ. ބިސްކޯދާ އެކީ ހުރިހާ ކުދިންނަށް ދީ.' ރަޒީނައްތަ އެހެން ބުނެލާފައި ހުރިހާ ކުދިންނަށް ހީލިއެވެ. އަދި ސިޑިން އަރައިގެން މައްޗަށް ދިޔައެވެ.
ލުނބޯ ފަނި ނުބޯ ކުދިން ބިސްކޯދު ކައިގެން ފެން ބުއީ އެވެ. ގަޑި ޖެހުމުގެ ކުރިން ސްކޫލަށް އެނބުރި ދިޔަ މަގުމަތީގައި އުލްޔާގެ ބައްޕަގެ ފިހާރައިން ކިއްލި ގަތީ ހައްޖަ އަތުގައި އޮތް ދިހަ ރުފިޔާއަށެވެ. އެހާތަނަށް ކިއްލި ނުކާ ހަމައެކަނި ކުއްޖަކީ އުލްޔާއެވެ. އެދުވަހު އެކުދިން ކިޔާވަރުން އުލްޔާވެސް ކިއްލިކޮޅެއް ކާލުމުން އެއީ ވަރަށް މީރު އެއްޗަކަށް ވެއްޖެއެވެ.
6:35 ގައި ސްކޫލް ނިމުމުން އެދުވަހު ގެއަށް ދެވުނުއިރު އުލްޔާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. މެންދުރު ކާނެ ވަގުތެއް ނުވުމުން އޭނާ ސްކޫލަށް ދިޔައީ ނުކައިކަން ހަނދާންވީވެސް ގެއަށް ވަދެވުމުންނެވެ. ގޭގެ ދޮރާށިން ވަދެވުނުއިރު ރަޒީނައްތަ އޮތީ އުނދޯލީގައި އޮށޯވެއެވެ. އުލްޔާ ފެނުމުން ތެދުވެ އިށީނދެލިއެވެ.
'އުލްޔާ މިހާރު އުޅޭ ގޮތް ރަނގަޅެއް ނޫން. ނުކައި ސްކޫލަށް ދިޔައީ ކީއްވެ؟ ކުރިން ނުބުނެ ކުއްލިއަކަށް ކުލާހު އެންމެން ގޮވައިގެން އައީ ކީއްވެ؟' ސީދާ އުލްޔާގެ ދެދޮލަށް ބަލަން ހުރެ ރަޒީނައްތަ ސުވާލުފަތި އަމުނާލިއެވެ.
'ގަޑިޖެހޭތީ އުލްޔާއަށް ކާން މަޑުނުކުރެވުނީ... ކުދިން މިއަދު ކުއްލިއަކަށް ބުނީމަ ނުކެރުނު ނޫނެކޭ ބުނާކަށް. އެހެން ދުވަހު އެ ކުދިންގެ ގޭގެއަށް އުލްޔާ ގެންދާތީ.' އުލްޔާ ވަރަށް ވިސްނައިގެން ވާހަކަދެއްކިއެވެ.
ފަހަކަށް އައިސް އުލްޔާއަށް ކުރެވޭ ކަމަކުން ނޫނީ ބުނެވޭ ބަހަކުން ރަޒީނައްތަގެ ހިތްހަމަނުޖެހުން އިތުރުވަމުންދާކަން އުލްޔާއަށް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ވަކިން ހާއްސަކޮށް އެފަހަރު ބައްޕަ އޮފްޑޭއަށް އައިސް އުޅެފައި ރިސޯޓަށް ފުރި ފަހުން ރަޒީނައްތަ ވަރަށް ރުންކުރެވެ. ގިނަ ވަގުތު އުލްޔާ ގޭގެ އެކި މަސައްކަތުގައި އެކަނި އުޅޭއިރު ރަޒީނައްތަ ކޮޓަރިންވެސް ނުނުކުމެއެވެ. އެކަހަލަ ވަގުތުތަކުގައި ގޮސް އެކޮޓަރީގެ ކައިރީގައި ހުރެފައިވެސް އޭނާ އެނބުރި އަންނަނީ އެދޮރުގައި ޓަކިޖަހަން ނުކެރިގެންނެވެ.
(ނުނިމޭ)




