ރައީސް އިބޫ، ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މާލޭގެ މެނިފެސްޓޯ އިފުތިތާހުކުރަން ރޭ ބޭއްވި ޖަލްސާގައި - ފޮޓޯ: އެމްޑީޕީ
މަޖުބޫރުވެގެން މާލޭގައި ދިރިއުޅޭ މީހުން ގިނަ، މިކަން ހައްލުކުރާނެ ވެރިކަމެއް ބޭނުންވޭ
މަރްޔަމް މުޙައްމަދު 9 މާރޗް 2026 (ހޯމަ)   14:19
އެހެން ގޮތެއް ނެތިގެން މަޖުބޫރުކަމާއެކު މާލޭގައި ދިރިއުޅޭ ފަރާތްތައް ވަރަށް ގިނަ ކަމަށާ، މިއީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ހައްލުކުރެވެން އޮތް ކަމަކަށް ނުވާއިރު، މިކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް ބޭނުންވާ ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަކެހިފައިވާ، ލޯކަލް ކައުންސިލް އިންތިހާބުގައި، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ މާލޭގެ ތަސައްވުރާއި މެނިފެސްޓޯ އިފުތިތާހުކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ރައީސް އިބޫ ވިދާޅުވީ، ހައްލުކުރަން އުނދަގޫ މައްސަލަތަކެއް މާލެއަށް ދިމާވެފައި އެބަހުރި ކަމަށާ، އެއީ އެއް ދުވަހަކުން ނުވަތަ ދެ ދުވަހަކުން ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން، ހަގީގަތުގައި މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މާލެއަށް މީހުން ގިނަވެ ތޮއްޖެހުން ކަމަށް ވިދާޅުވެ، ރައީސް އިބޫ ވިދާޅުވީ، މިކަމަށް އޮތް ދާއިމީ ހައްލަކީ އެމްޑީޕީން ގެންގުޅޭ ލާމަރުކަޒީ ނިޒާމު ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ ރަށްތައް ތަރައްގީކޮށް މާލެއަށް މީހުން އައުން މަދުކޮށްގެން ނޫނީ މާލެއަށް ހައްލެއް ނުލިބޭނެ ކަން ފާހަގަކުރައްވަމުން ރައީސް އިބޫ ވިދާޅުވީ، ދެ ލައްކަ އަށް ވުރެ ގިނަ މީހުން މާލޭގައި ދިރިއުޅެމުންދާ ކަމަށާ، އޭގެތެރެއިން 64،000 އަށް ވުރެ ގިނަ މީހުންނަކީ މާލޭގެ ރަށްވެހިން ކަމަށްވާއިރު، ދެން އުޅެނީ އެހެން ގޮތެއް ނެތިގެން މާލޭގައި ދިރިއުޅޭ ފަރާތްތައް ކަމަށެވެ.

އެހެންކަމުން މިއީ ހައްލު ހޯދަންޖެހޭ މުހިންމުކަމެއް ކަމަށް ވާއިރު، މާލެއަށް ބޭނުންވާ ބަދަލު ގެންނަން ވެރިކަން ވެސް ބަދަލުކުރަންޖެހޭ ކަން ފާހަގަކުރައްވާ، މާލެއަށް ބޭނުންވާ ބަދަލު ގެންނަން 2028 ވަނަ އަހަރު ވެރިކަން ވެސް ބަދަލުކުރަންޖެހޭ ކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.

އެހެންކަމުން މިކަމަކީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ކުރެވެން އޮތް ކަމެއް ނޫންކަމަށް ވިދާޅުވެ، މިކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް ބޭނުންވާ ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ.

"ހަމައެކަނި ސިޓީ ކައުންސިލަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން މިއީ އަކީ، މި ކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް މި ތަނަށް ގެނެސްގެން ނޫނީ މި މާލެއަކަށް ހައްލެއް ނުހޯދޭނެ. އަޅުގަނޑުމެން ޖެހޭނެ ކުރިއަށް މި އޮތް 2028 ވަނަ އަހަރުގައި އެ ބަދަލު ވެސް ގެންނަން." – ރައީސް އިބޫ

ކުރީގެ ރައީސުލްޖުންހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވާހަކައިގައި މިކަންކަން ފާހަގަކުރައްވާފައި ވާއިރު، އެމަނިކުފާނުގެ ނިމިދިޔަ ޒައާމަތުގައި ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި މުޅި ރާއްޖެއަށް ޖުމުލަ ތަރައްގީއެއް ގެންނަވާފައި ކުރިއެރުންތައް ހޯއްދަވާފައިވާ ކަން ގިނަބަޔަކު އަންނަނީ މިހާރު ވެސް ފާހަގަކުރައްމުންނެވެ.

ކޮމެންޓް