މުސާރައިގެ މައްސަލައިގައި ހުޅެމާލޭގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާ - ފޮޓޯ: އެކްސް
މުސާރަނުދީގެން މުވައްޒަފުންތަކެއް ހުޅުމާލޭގައި އިހުތިޖާޖުކޮށްފި
ޖުނާން އަޙުމަދު 10 މާރޗް 2026 (އަންގާރަ)   20:12
ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކެއް އެމީހުންގެ މަސައްކަތްތައް މިއަދު ހުއްޓާލުމަށް ފަހު ހަވީރު އިހުތިޖާޖެއް ކޮށްފިއެވެ.

މުސާރައިގެ މައްސަލައާއި ހަމަޖެހިފައިވާ ގަޑިއަށްވުރެ އިތުރަށް މަސައްކަތްކުރުމާއި، އަދި ބައެއް އެލަވަންސް ނުދޭތީ އެފަދަ މައްސަލަތަކާގުޅިގެން މި އިހުތިޖާޖުކޮށްފައިވަނީ ހުޅުމާލެ ފޭސް-1 ގައި ހުންނަ ރިވެލި ބީޗް ރެސްޓޯރެންޓުގެ މުއައްޒަފުންނެވެ.

މިކަމާގުޅިގެން ފުލުހުން މިރޭ ބުނެފައި ވަނީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު، މިއަދު 15:50 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން އެނގުނު ކަންކަން ހާމަކުރަމުން ފުލުހުން ބުނީ، އެ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް ވާނީ އިރުޝާދު ދީފައި ކަމަށާ، އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ މުއައްޒަފުންގެ ފަރާތުން އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް