
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.
"އެކަންކަން އިސްލާހުކުރަންޖެހޭކަން އެއީ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުންވަނީ ނިންމާފަ،" ބަންޑާރަނައިބް އުޝާމް ވިދާޅުވެފައި ވެއެވެ.
އެގޮތުން ބަންޑާރަނައިބް ފާހަގަކުރެއްވި ކަންކަމަކީ؛
ބަންޑާރަ ނައިބް މި ވާހަކަތައް ހިއްސާކުރައްވާފައިވަނީ، އަންނަ އެޕްރީލް މަހު ނެގުމަށް ނިންމާފައިވާ ރެފަރެންޑަމް ވޯޓާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު، ދެއްކެވި ވާހަކަ އެއްގައި "ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން އެކަނި އަވަސްކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކާ ގުޅޭގޮތުން ނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ބަންޑާރަނައިބް ވިދާޅުވީ، އެ އިޞްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް މިގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ.
އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއެކު ރެފަރެންޑަމް ވޯޓް ނެގުމަކީ އިންތިހާބަށް ކުރާ ހަރަދު ކުޑަވެ، ބަޖެޓަށް ލުއިވާނެކަމެއްކަންވެސް ބަންޑާރަނައިބް ވަނީ ފާހަގަ ކުރައްވާފައެވެ.
"ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް. މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ." ބަންޑާރަނައިބް ވިދާޅުވެފައި ވެއެވެ.
ބަންޑާރަނައިބް ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައްކަންވެސް ބަންޑާރަނައިބް ވަނީ ފާހަގަ ކުރައްވާފައެވެ.




