
ސަރުކާރުގެ މުޅި ސަމާލުކަން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހު އެއްކޮށްލަން ފެނޭތޯ ބެލުމުގެ ފެންނަ ނުފެންނަ ވޯޓަށް ސަރުކާރުގެ ސަމާލުކަން އަމާޒުވެއްޖެނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ނަޝީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
"ދިވެހިރާއްޖެ މިވަނީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި، ޕެޓްރޯލްގެ އަގު 28 ރުފިޔާ އަށް އަރައިފި. ދަތުރުފަތުރުގެ އަގު ބޮޑުވާނެ. ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ." ނަޝީދު ވިދާޅުވެފައި ވެއެވެ.
އީރާނު ހަނގުރާމައާ ގުޅިގެން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.
މާލެ ސަރަހައްދުގައި އިއްޔެއާ ހަމައަށް ޑީސެލް ލީޓަރެއް 16.52 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 27.22 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް އުފުލިފައެވެ.
މި ބަދަލުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިން އެސްޓީއޯއިން ތެޔޮ ގަންނަންޖެހޭ އަގު ބޮޑުވުމާ ގުޅިގެން، އާންމުންނަށް ތެޔޮ ވިއްކާ އަގު މާލެ ސަރަހައްދަށްވުރެ އަތޮޅު ތެރޭގެ ރަށްރަށުގައި އެތައް ގުނައެއް ބޮޑުވާނެއެވެ.
މެދު ރާއްޖެ ތެރެއަށް އެފްއެސްއެމް އިން ޑެލިވަރީކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 27.13 ރުފިޔާއަށް ބޮޑުވެފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 28.32 ރުފިޔާއަށް އުފުލިފައެވެ. އަދި އާންމުންނަށް ތެލާއި ޕެޓްރޯލް ލިބުމުގައި މިއަގު އިތުރަށް ބޮޑުވާނެ އެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅުގައި މިހާރު ފެޓްރޯލް ލީޓަރެއް ލިބެނީ 29.26 ރުފިޔާއަށް ކަމަށްވާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ، 30.13 ރުފިޔާއަށެވެ. އައްޑޫ ސިޓީގެ މީދޫގައި ޑީސެލް ލީޓަރެއް ވިއްކަނީ 31 ރުފިޔާއަށެވެ.
ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީ ސިޓީގައި ޕެޓްރޯލް ލީޓަރެއް ހުރީ 29.30 ރުފިޔާއަށެވެ. ޑީސެލް ވިއްކަނީ 29.51 ރުފިޔާއަށެވެ.
މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ގެނައުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށާއި މިހާރުވެސް ތެޔޮ ބަރުކޮށްގެން ބޯޓުފަހަރު އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ދުވަހެއް ދުވަހަކަށް ތެލުގެ އަގު ދަނީ އުފުލެމުންނެވެ.




