
ރޭ އެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލި ނަމަވެސް، އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރުމުން އެ ހާދިސާއާ ގުޅިގެން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން މިހާރު އިލްތިމާސްކޮށްފައި ވާއިރު، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ނުނިކުތުމަށް އެ އިދާރާއިން ބުނެއެވެ.
އަދި އެ ސަރަހައްދުގެ ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ދުން ނުވަންނާނެހެން ބަންދުކުރުމަށާއި، ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާތީ، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
އަދި މީގެއިތުރުން، ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުމާއި، ގަދައަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.




