ތުއްތު ކުއްޖާއަށް ލިބިފައިވާ ބައެއް އަނިޔާ އާއި އަނިޔާ ދިންއިރު އެ ކުއްޖާ ލައިގެންހުރި ހަރުވާޅު.--
ބައްޕަގެ ކިބައިން އިއުތިރާފެއް ހޯދުމަށް ފަލަސްތީނުގެ ތުއްތު ކުއްޖަކަށް އިޒުރޭލު ސިފައިން އަނިޔާކޮށްފި
ފިޔެސް 25 މާރޗް 2026 (ބުދަ)   09:17
ފަލަސްތީނުގެ ނޫސްވެރިންނާއި މީޑިއާތަކުން ބުނާ ގޮތުގައި، މިދިޔަ ހަފުތާ ބަންދުގައި ޣައްޒާގައި އިޒުރޭލު ސިފައިން ވަނީ ފަލަސްތީނުގެ ތުއްތު ކުއްޖަކަށް ނުހަނު ރަހުމުކުޑަކޮށް އަނިޔާކޮށްފައެވެ. މިއީ ހައްޔަރުކޮށްފައި ހުރި އެ ކުއްޖާގެ ބައްޕަގެ ކިބައިން ދޮގު އިއުތިރާފެއް ހޯދުމަށް ހިންގި މުޑުދާރު އަމަލެކެވެ.

ނޫސްވެރިޔާ އުސާމާ އަލް-ކަހްލޫތު ބުނި ގޮތުގައި، އުމުރުން އެންމެ 18 މަހުގެ ކަރީމް އަބޫ ނަޞްރު އޭނާގެ ބައްޕަ އުސާމާގެ އަތުން އަތުލައިގަތީ، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-މަޣާޒީ ކޭމްޕް ސަރަހައްދުން، ޒަރޫރީ ބޭނުންތަކަށް އެއްޗެހި ގަންނަން ނުކުމެ އުޅެނިކޮށް، އިޒުރޭލު ސިފައިން އެ ދެމަފިރިން ހުއްޓުވައި ސުވާލުކުރުމަށްފަހުއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ގަޑިއިރުތަކަކަށް ދެމިގެންދިޔަ މި އަނިޔާވެރި އަމަލުގެ ތެރޭގައި، އިޒުރޭލު ސިފައިން ވަނީ އެ ތުއްތު ކުއްޖާގެ ހަށިގަނޑަށް ސިނގިރޭޓް ނިއްވައި، ތޫނު އެއްޗެހިން ހަށިގަނޑަށް ހަމަލާ ދީފައެވެ.

މަންޒަރު ދުށް ގިނަ ބަޔަކު ބުނި ގޮތުގައި، އެ ދެބަފައިން ކޭމްޕް ކައިރިން ހަމަލާތަކެއްގެ ތެރޭގައި ތާށިވުމުން، އަބޫ ނަޞްރަށް މަޖުބޫރުވީ އޭނާގެ ދަރިފުޅު ބިންމަތީގައި ބޭންދުމަށްފަހު އަސްކަރީ ޗެކްޕޮއިންޓަކާ ކައިރިވުމަށެވެ. އެތަނުން އޭނާ ހައްޔަރުކޮށް، އަންނައުނު ބާލުވައި ސުވާލުކުރަން ފެށިއެވެ.

އެއަށްފަހު އިޒުރޭލު ސިފައިން އެ ތުއްތު ކުއްޖާ ހައްޔަރުކޮށް، ބައްޕަގެ ކުރިމަތީގައި ކުއްޖާއަށް ޖިސްމާނީ އަނިޔާކުރަން ފެށީ ބައްޕަގެ ކިބައިން އިއުތިރާފެއް ހޯދުމަށެވެ.

10 ގަޑިއިރުގެ މި އަނިޔާވެރިކަމަށްފަހު، ބައިނަލްއަގުވާމީ ރެޑް ކްރޮސް މެދުވެރިކޮށް އެ ކުއްޖާ ވަނީ އަލް-މަޣާޒީ މާރުކޭޓު ސަރަހައްދުން އާއިލާއާ ހަވާލުކޮށްފައެވެ. ނަމަވެސް ކުއްޖާގެ ބައްޕަ އަދިވެސް ހުރީ ބަންދުގައެވެ.

ފަލަސްތީނުގެ މީޑިއާތަކާއި އަލްޖަޒީރާ ހަވާލާދީފައިވާ މެޑިކަލް ރިޕޯޓަކުން ވަނީ އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ކަށަވަރުކޮށްދީފައެވެ.

ނޫސްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކުއްޖާގެ ފައިގައި ސިނގިރޭޓުން ޖެއްސުމުގެ ސަބަބުން އުފެދިފައިވާ ކަމަށް ބެލެވޭ ކަޅުކުލައިގެ ބޮޅުތަކެއް ހުއްޓެވެ.

މި ހާދިސާއާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި އިޒުރޭލު މި އަމަލުން ހާމަވަނީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް، ކުޑަކުދިން ހިމެނޭހެން ފަލަސްތީނު ރައްޔިތުންނަށް އިހާނެތިކޮށް ހިތުމަށް އެމީހުން ގެންގުޅޭ ނިޔަތެވެ.

މީގެ އިތުރުން، އުސާމާ އަބޫ ނަޞްރަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ މީހެއް ކަމަށާއި، އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގެ ބިރުވެރިކަމާއި ހަނގުރާމައިގެ ސަބަބުން އާމްދަނީ ހުއްޓުމުގެ ސަބަބުން އޭނާ ފަރުވާ ހޯދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ސިފައިން އެ ބައްޕަގެ ކިބައިން ހޯދަން އުޅުނީ ކޮން ކަމަކަށް އިއުތިރާފުވުން ކަމެއް ނޭނގުނު ނަމަވެސް، ޣައްޒާ ހަނގުރާމައިގެ ތެރޭގައި އިޒުރޭލުން ބޭނުންވާ ގޮތަށް ހަގީގަތް އޮޅުވާލުމަށްޓަކައި، ހައްޔަރުކުރާ މީހުންގެ ކިބައިން މައުލޫމާތު ހޯދުމަށް އަނިޔާކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ.

2023 އޮކްޓޯބަރުގައި ހަނގުރާމަ ފެށުނީއްސުރެ، އިޒުރޭލު ސިފައިން ވަނީ ގިނަ އަދަދެއްގެ ފަލަސްތީނު މީހުންނަށް މަޖުބޫރުކޮށް، އެމީހުންނަކީ ހަމާސްއާ ގުޅުން އޮތް ބައެއް ކަމަށް ނުވަތަ އޮކްޓޯބަރު 7 ގެ ހަމަލާގައި ބައިވެރިވި ބައެއް ކަމަށް ވީޑިއޯގައި "އިއުތިރާފު" ކުރުވާފައެވެ. މިއީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ތަހުގީގުތަކުން ހާމަވެފައިވާ ކަމެކެވެ.

ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އެޖެންސީ (UNRWA) ގެ މުވައްޒަފުން ވެސް ވަނީ، ޣައްޒާގެ ރައްޔިތުންނަށް ފެނުގެ އަނިޔާ (waterboarding) ދީގެންނާއި ތަޅައި އަނިޔާކޮށްގެން ދޮގު އިއުތިރާފު ހޯދުމަށް އިޒުރޭލު ސިފައިން މަޖުބޫރުކުރާ ކަމަށް ބުނެފައެވެ.ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އިޒުރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާއިންނާއި، އިސްރާއީލުގެ ތެރެއިން އަދި ހިފާފައިވާ ހުޅަނގު އައްސޭރިން އެތައް ހާސް ފަލަސްތީނު މީހުންނެއް ހައްޔަރުކޮށްފައެވެ.

ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިޢުލާންކުރި ފަހުން، އެ އެއްބަސްވުމާ ބޮޑުތަނުން ޚިލާފުވެ، އިޒުރޭލުން ވަނީ މަދުވެގެން 677 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. އަދި އެ ސަރަހައްދަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެމުންދާ ހަމަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް