ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރ ގޯތަމް ސިންހާނިއާ - ފޮޓޯ: ޑީއެންއޭ އިންޑިއާ
ބަންޑުންޖަހާލި ލޯންޗުގައި އިންޑިއާގެ ބިލިއަނަރެއް ވެސް ދަތުރުކުރި
އެ ހާދިސާގައި ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު ފެބްރިކް އުފައްދާ ކުންފުނި ކަމަށްވާ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި އެމްޑީ، ގޯތަމް ސިންހާނިއާ
މަރްޔަމް މުޙައްމަދު 20 މާރޗް 2026 (ހުކުރު)   23:54
ރޭ މެންދަމު ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުގައި އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގޯތަމް ސިންހާނިއާ ވެސް ދަތުރުކުރިކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރަނީ، އެ ހާދިސާގައި ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު ފެބްރިކް އުފައްދާ ކުންފުނި ކަމަށްވާ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރ ގޯތަމް ސިންހާނިއާ އެވެ.

މި ހާދިސާގައި އޭނާއަށް އަނިޔާތަކެއް ލިބުމުން، މިހާރު ވަނީ އިންޑިއާގެ މުމްބާއީއަށް ގެންގޮސްފައި ކަމަށް ވެސް، އޭނާގެ ސްޕޯކްސްޕާސަން އާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ހައި ސްޕީޑް ކާރުތަކަށް ލޯބިކުރާ ގޯތަމްއަކީ އިންޑިއާގެ އެންމެ ހައި ޕްރޮފައިލް ސުޕަ ކާރު ކަލެކްޝަން ގެންގުޅޭ ބިލިއަނަރުކަމަށް މީޑިއާ ރިޕޯޓުތައް ބުނެެއެވެ. އަދި، ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ ނެޓް ވޯތެއް އޭނާގެ މާލިއްޔާތުގައިވެއެވެ.

ފުލުހުން ބުނީ، ލަޯންޗު ބަންޑުންޖަހާލި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 01:15 އެހައިކަންހާއިރު ކަމަށާ، މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ޖުމްލަ 7 މީހުން ދަތުރުކުރަމުން ދިޔަކަމަށެވެ.

އަދި، މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށާ، ލޯންޗު ބަންޑުން ޖަހާލުމުގެ ސަބަބުން އަނިޔާވި ތިން މީހަކަށް މިހާރު ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މި ހާދިސާ ހިނގާފައިވަނީ ވ. ކެޔޮދޫ ހުޅަނގު ދެކުނުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ކޮމެންޓް