
ފުލުހުން ބުނީ، ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ.
އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުން ކަމަށާ، މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ 2026 މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައި ކަމަށާ، އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބިއިރު، އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށާ، މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށްވާއިރު، މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.




