47 އަހަރުވީ ނުތަނަވަސްކަމުގެ ރަމްޒް ދައްކުވައިދޭ އޭއައި ތަސްވީރެއް.--
އީރާނުގެ ފްރީޒްކޮށްފައިވާ 100 ބިލިޔަން ޑޮލަރުގެ ވާހަކަ
އިބޫ އެމް 19 އޭޕްރީލް 2026 (އާދީއްތަ)   06:33
އީރާނާއި އެމެރިކާއާ ދެމެދު، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަތީ ފަންތީގެ މަޝްވަރާތަކުގައި އެންމެ ބޮޑު ހުރަހަކަށްވެފައިވަނީ ދުނިޔޭގެ އެކި ބޭންކުތަކުގައި ހިފަހައްޓާފައިހުރި އީރާނުގެ 100 ބިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ނުވަތަ އެސެޓް އެވެ.

އީރާނުން ބޭނުންވަނީ މަޝްވަރާތަކުގެ ބައެއްގެ ގޮތުގައި އެމެރިކާއިން އެގައުމުގެ ފްރީޒްކޮށްފައިވާ އެސެޓްތައް ދޫކޮށްލުމަށެވެ. އެ ފައިސާއަކީ އެގައުމުގެ އިނދަޖެހިފައިވާ އިގްތިސާދު އަލުން އާރާސްތުކުރުމަށް އެހީތެރިވެދޭނެ ފައިސާއެކެވެ.

އެމެރިކާއާއި އެހެނިހެން ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދު ބަލިކަށިވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ 1979 ވަނަ އަހަރު، އިސްލާމީ އިންގިލާބަށްފަހު ތެހެރާންގައި ހުންނަ އެމެރިކާ އެމްބަސީގައި ރަހީނުކުރި އެމެރިކާ މީހުންގެ މައްސަލައިގައެވެ. އޭގެ ފަހުން އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކާ ގުޅިގެން މި ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، ބޭރުގެ ބޭންކުތަކުގައި ފްރީޒްކޮށްފައިވާ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ ފަދަ އަމިއްލަ އެސެޓްތައް ބޭނުންކުރުމުގެ ފުރުސަތު އީރާނަށް ވަނީ ހަނިވެފައެވެ.

އެންމެފަހުން އީރާނާއި އެމެރިކާއާ ބޭއްވި މަޝްވަރާތަކުގައި، ގައުމުން ބޭރުގައި ހުރި އީރާނުގެ އެސެޓްތަކުގެ ތެރެއިން މަދުވެގެން ބައެއް އެސެޓްތައް ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް ބުނެ ބައެއް ރިޕޯޓްތައް ފެންމަތިވިއެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ވަނީ އެ ރިޕޯޓްތައް ވަގުތުން ދޮގުކޮށް، އެ އެސެޓްތައް އަދިވެސް ހުރީ ފްރީޒްކޮށްފައި ކަމަށް ބުނެފައެވެ.

ނަމަވެސް އީރާނުގެ ކިތައް އެސެޓް ފްރީޒްކޮށްފައިވޭ ހެއްޔެވެ؟ އީރާނަށް އެ ތަކެތި ބޭނުން ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ މިވަގުތު އެ ފައިސާ ހުރީ ކޮން ތަނެއްގައި ހެއްޔެވެ؟ އަދި އީރާނަށް އެ ފައިސާ މުހިންމުވަނީ ކީއްވެ ހެއްޔެވެ؟

ފްރީޒްކޮށްފައިވާ އެސެޓްތަކަކީ ކޮބާ؟

މީހެއްގެ، ކުންފުންޏެއްގެ ނުވަތަ ގައުމެއްގެ މަރުކަޒީ ބޭންކެއްގެ ފައިސާ، މުދާ ނުވަތަ ސެކިއުރިޓީޒް އެހެން ގައުމެއްގެ ކަމާބެހޭ ފަރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ އިދާރާއަކުން ވަގުތީ ގޮތުން ހިފެހެއްޓުމަކީ އެސެޓް ފްރީޒްކުރުމެވެ.

މީގެ ސަބަބުން، ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ސަބަބުން ނުވަތަ ކޯޓު އަމުރެއްގެ ސަބަބުން ނުވަތަ ރެގިއުލޭޓަރީ އެހެން ސަބަބަކާ ހުރެ، އެ އެސެޓްތަކުގެ ވެރިފަރާތަށް އެ ތަކެތި ވިއްކުމުގެ ގާބިލްކަން ހަނިވެގެންދެއެވެ.

އެސެޓްތައް ފްރީޒްކުރެވިދާނީ ކޯޓަކުން، ނުވަތަ އެހެން ގައުމަކުން ނުވަތަ ބައިނަލްއަގުވާމީ އިދާރާއަކުން ނުވަތަ ބޭންކިން މުއައްސަސާއަކުންނެވެ. ރަސްމީކޮށް ގައުމުތަކުން ބުނާ ގޮތުގައި އެހެން ގައުމެއްގެ ނުވަތަ ކުންފުންޏެއްގެ އެސެޓްތައް ފްރީޒްކުރަނީ ޖިނާއީ ހަރަކާތްތަކެއް ހިންގުމުގެ ތުހުމަތުގައި ނުވަތަ މަނީ ލޯންޑަރިން ނުވަތަ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމުގެ ތުހުމަތުގައެވެ.

ނަމަވެސް މި އަމަލަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ހުޅަނގުގެ ވާދަވެރިންނަށް އަމާޒުކޮށްގެން ހޮވާލެވިގެން ކުރާ ކަމެކެވެ. މިސާލަކަށް، އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ގާނޫނާ ހިލާފު ހަނގުރާމަތައް ކުރުމާއި، ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތު އިޒްރޭލަށް ތަކުރާރުކޮށް ކުރެވިފައިވެއެވެ. އެހެންނަމަވެސް، އެއްވެސް ގައުމަކުން އިޒްރޭލުގެ ބޭރު ގައުމުތަކުގައި ހުރި އެސެޓްތައް ފްރީޒްކޮށްފައެއް ނުވެއެވެ.

އޭގެ ބަދަލުގައި އީރާނު، ރަޝިޔާ، އުތުރު ކޮރެއާ، ލީބިޔާ، ވެނެޒުއޭލާ އަދި ކިއުބާއަކީ ބޭރުގެ ސަރުކާރުތަކުން އެސެޓްތައް ފްރީޒްކޮށްފައިވާ ބައެއް ގައުމުތަކެވެ. މި ހުރިހާ ގައުމުތަކެއް ގުޅުވައިދޭ އެއް ކަމަކީ، އެ ގައުމުތަކަކީ ބައިނަލްއަގުވާމީ ނިޒާމުގައި އެމެރިކާގެ ބާރުވެރިކަމާ ދެކޮޅު ނުވަތަ ދެކޮޅުވެރިކަން އޮތް ގައުމުތަކަށް ވުމެވެ.

އީރާނުގެ ފްރީޒްކޮށްފައިވާ އެސެޓްތައް ހުރީ ކޮން ގައުމުތަކެއްގައި؟

އީރާނުގެ ފްރީޒްކޮށްފައިވާ އެސެޓްތައް ހުރީ އެކި ގައުމުތަކުގައެވެ. ކޮންމެ ގައުމެއްގައި މިވަގުތު ހުރި ސީދާ އަދަދު ސާފެއް ނޫނެވެ. ނަމަވެސް އީރާނުގެ ތެޔޮ ގަންނަ މުހިންމު ގައުމެއް ކަމަށްވާ ޖަޕާނުގައި ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު، އިރާގުގައި ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރު، ޗައިނާގައި މަދުވެގެން 20 ބިލިއަން ޑޮލަރު އަދި އިންޑިއާގައި 7 ބިލިއަން ޑޮލަރު ހުރި ކަމަށް އީރާނުގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގައި ވެސް އީރާނުގެ ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގެ އެސެޓް ސީދާ ފްރީޒްކޮށްފައި ހުރިއިރު، ލަގްޒެމްބާގް ފަދަ އީޔޫގެ ގައުމުތަކުގައި ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ގަތަރުގައި ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ދެކުނު ކޮރެއާއިން އީރާނަށް ދިނުމަށް ބަދަލުކުރި ނަމަވެސް، ފަހުން އެމެރިކާއިން ހިފެހެއްޓި ފައިސާއެވެ.

އެސެޓްތައް ދޫކޮށްލުން އީރާނަށް މުހިންމުވަނީ ކީއްވެގެން؟

އީރާނުގެ އިގްތިސާދު އޮތީ ކްރައިސިސްއެއްގެ ތެރޭގައެވެ. އެތައް އަހަރެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތެޔޮ އެކްސްޕޯޓް ކުރުން ހަނިވެ، އިންވެސްޓްމަންޓްތައް ހޯދުމާއި ސިނާއަތްތަކާއި ޓެކްނޮލޮޖީ ޒަމާނީ ކުރުމުގެ ގާބިލްކަން ވަނީ ހުއްޓިފައެވެ.

އިންފްލޭޝަން މައްޗަށް ދިއުމާއި ފައިސާގެ އަގު (ރިއާލް) ދަށަށް ދިއުމުގެ ސަބަބުން ޑިސެމްބަރު އަދި ޖެނުއަރީ މަހު ބޮޑެތި މުޒާހަރާތަކެއް ކުރިއަށްދިޔައެވެ. މި މުޒާހަރާތައް ފަހުން ވަނީ ވެރިކަން ކުރާ ނިޒާމަށް ގޮންޖަހާ ބޮޑު ކެމްޕޭނަކަށް ބަދަލުވެފައެވެ. ސަލާމަތީ ބާރުތަކުން މުޒާހަރާތައް ހުއްޓުވުމަށް ހިންގި އޮޕަރޭޝަންތަކުގައި އެތައް ހާސް ބަޔަކު މަރުވިއެވެ. އީރާނުގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި މި މަރުތަކުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ އާއި އިސްރާއީލުން ފަންޑުކޮށް ހަތިޔާރު ދީފައިވާ "ޓެރަރިސްޓުން" ނެވެ. ޓްރަމްޕް ދާދި ފަހުން ވަނީ ބައެއް މުޒާހަރާވެރިންނަށް އެމެރިކާއިން ހަތިޔާރު ދިން ކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ހާލަތުގައި، ފްރީޒްކޮށްފައިވާ އެސެޓްތަކަކީ އީރާނަށް ވަގުތުން ބޭނުންކުރެވޭނެ ފައިސާއެވެ. 100 ބިލިއަން ޑޮލަރަކީ އެ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައެވެ.

މެދުއިރުމަތީގެ ގަޑިން އޭޕްރީލް 22 ގެ ދަންވަރު، މިހާރު އޮތް އެމެރިކާ-އީރާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތައް އަލުން ފަށާނެ ކަމަށް ބެލެވޭއިރު، މި ނުތަނަވަސްކަން އަލުން ފެންމަތިވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް