
އައްޑޫ ހުޅުދޫ މީދޫ "އުންމީދެއްގައި" ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރަން މިއުޅޭ ކަމަކީ ރަށްރަށް ހިންގުމަށްޓަކައި ރައްޔިތުންނާ ކައިރިން ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރާނެ ބަޔަކު އިންތިހާބު ކުރަން ކަމަށެވެ. އަދި އެކަން ކުރެވޭނީ އެކަންކަން ހިތުގެ އަޑިން ގަބޫލުކޮށްގެން އެކަން ކުރަން ހިތުއަޅައިގެން ތިބި ބަޔަކަށް ކަމަށެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓުންގެ ސިޔާސަތު ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި އެމްޑީޕީ އޮތަސް ނެތަސް ކައުންސިލްތަކުގައި ތިބެންވާނީ އެމްޑީޕީގެ މެންބަރު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ހަގީގަތުގައި ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގަން ބޭނުންކަމަށް ވަންޏާ، ހާއްސަކޮށް ރަށްރަށުގެ ކައުންސިލްތަކުގައި ތިބެންވާނީ، ވެރިކަމުގައި އެމްޑީޕީ އޮތަސް ނެތަސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ މެންބަރުން. އެއީ ރަށް ރަށް ހިންގޭނެ ގޮތަކީ."
ވެރިކަމަށް 2 އަހަރާއި 4 މަސް ފުރިގެން ދިޔައިރުވެސް، ވެރިކަމަށް އަންނަންވީ ވައުދުތައް ނުފުއްދާކަން ފާހަގަ ކުރައްވާ، އެ ރަށްތަކަށް އައި ހެޔޮ ބަދަލަކީ ކޮބައިތޯ، ރައީސް ސޯލިހު ސުވާލު އުފެއްދެވިއެވެ.
"މި ހުޅުދޫ އަށް އެއްވެސް ރަނގަޅު ބަދަލެއް އަތުވެއްޖެތޯ؟ މީދޫއަށް އެއްވެސް ބަދަލެއް އަތުވެއްޖެތޯ؟ މި ސުވާލާ އެކީގައި ތިބޭފުޅުން އިންތިހާބަށް 4 ވަނަ ދުވަހު ނުކުންނަވާ. ވަރަށް ސާފު. ވައުދުވެއްޖެ އިނގޭތޯ. ވައުދު މައްޗަށް ވައުދުވެއްޖެ."
ވައުދު މައްޗަށް ވައުދު ވިނަމަވެސް އެ ވައުދުތައް ނުފުއްދާ ކަމަށާއި މަޖިލިސް އިންތިހާބާ ދިމާކޮށް މަޖިލިސް މެޖޯރިޓީ ލިބިގެން ކަންކަން ކުރިއަށް ދާނެ ކަމަށް ވިދާޅުވިޔަސް، އެއްވެސް ކަމެއް ކުރިއަށް ނުދާކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވީ ކުރީ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށާއި، އެއިން އެއްވެސް ކަމެއްވެސް ކުރިއަށް ނުދާކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ދެން މި ވެރިކަމަށް "އާއެނކޭ" ނުބުނާނެކަން ޔަގީންވާ ކަމަށާ، ދެ އިންތިހާބު އެއްކޮށްލަން އުޅެނީ އެ ސަބަބަށްޓަކައި ކަމަށެވެ.
މަޖިލީހުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގަނީ މަޖިލީހުގައި އެންމެ ދެ ގަޑިއިރުގެ ބަހުސަކަށްފަހު ނިންމާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ކަންވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީއަށް ބަދަލެއް ގެންނަންނަމަ، ހާއްސަކޮށް ރައްޔިތުންނާ ހިސާބަށް ގެންނަ ކަމެއްގައި ރައްޔިތުން ދެކޭގޮތް ބަލަން ގެންނަ އިސްލާހެއްގެ ގޮތުގައި ކަންކުރަންވާނީ އެގޮތަކަށް ނޫންކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.




