ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މީކާއީލް ނަސީމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަނީ.--
މިއީ އާ ޖީލަކަށް ބެޓަން ޕާސްކޮށްލަންވީ ވަގުތު: ރައީސް ސޯލިހު
ފިޔެސް 21 މޭ 2026 (ބުރާސްފަތި)   07:35
އެމްޑީޕީއަށް 21 އަހަރު ފުރޭއިރު، ޕާޓީގެ ހުންގާނާއި ބެޓަން އާ ޒުވާން ޖީލަކާ ހަވާލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އުފަން ރަށް ޅ.ހިންނަވަރު ގައި ބޭއްވި "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެމްޑީޕީ ޖަގަހައިގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މީކާއީލް ނަސީމް އެންޑޯޒް ކުރައްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާޒީގައި ފެނުނު ފަދަ ދިގު ހުދުމުހުތާރު ވެރިކަމެއްގެ ތަޖުރިބާ ޕާޓީގެ ތެރޭގައާއި ގައުމުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޗެއަރޕާސަން އިންތިޚާބުގައި މީކާއީލް ނަސީމަށް ތާއީދުކުރައްވާ ކަމަށެވެ. 

އެމްޑީޕީއަކީ އަބަދުވެސް ލީޑަރުން އުފައްދާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމުގެ ސަބަބުން ދެ ޖެނެރޭޝަނަކަށް ގައުމުގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު ގެއްލިގެންދިޔަ ކަމަށެވެ. އެ ތަޖުރިބާގެ އަލީގައި، ގާނޫނުއަސާސީގައި ވެރިކަމުގެ ދައުރު ފަސް އަހަރުގެ ދެ ދައުރަށް ހަނިކުރީ އާ ލީޑަރުންނަށް ފުރުސަތު ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ޕާޓީއަށް 21 އަހަރު ފުރޭ ދުވަހު، އަޅުގަނޑުމެން އެ ބެޓަން އާ ޖީލަށް ޕާސްކޮށްލާތަން ފެނިގެންދިއުން. އެއީ އަޅުގަނޑު މީކާއީލް ނަސީމަށް މިއަދު ތާއީދުކުރާ ސަބަބަކީ،" ކްރިކެޓް ކުޅޭއިރު، ކަން ކުރާގޮތަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ވެސް އެކުގައި ކްރިކެޓް ކުޅުއްވައި އުޅުއްވި ބޭފުޅުންނެވެ. 

ރިޔާސީ އިންތިޚާބު 2028 އަށް އަމާޒުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ އާބާދީގެ 41 އަށްވުރެ ގިނަ އިންސައްތައަކީ ޒުވާނުން ކަމަށްވާއިރު، މިހާރު އެމްޑީޕީގައި ތިބީ 17 ނުވަތަ 18 އިންސައްތަ ޒުވާނުން ކަމަށެވެ. ޕާޓީގެ ލީޑަރޝިޕް އާ ޖީލަކަށް ބަދަލު ނުކުރެވިއްޖެނަމަ، ޒުވާނުން ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު ގެއްލި، ގައުމަށް ދިމާވި މައްސަލަ ޕާޓީގެ ތެރެއަށްވެސް ދިމާވެދާނެކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި މީކާއީލްއާ ވާދަކުރައްވާ ރައީސް ނަޝީދުގެ ޚިދުމަތްތައް ބަލައިގަންނަކަން ހާމަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިޚާބެއް ނޫން ކަމަށެވެ. އެމަނިކުފާނު ހުންނަވަންވީ ތިން ރައީސުން ގުޅިގެން ގައުމު އިސްލާހުކުރުމަށް ފަށާފައިވާ ބޮޑު މަސައްކަތުގައި ކަމަށް ސޯލިހު ވިދާޅުވިއެވެ. 

"އަޅުގަނޑު މިއަދު މިހުރީ މީކާއީލަށް ތާއީދުކޮށްގެން ނިކުމެ ކެމްޕޭން ކުރަން. މާދަމާ އަޅުގަނޑު ގޮސް އިށީންނާނީ ރައީސް ނަޝީދާ އެކީގައި އެ މަސައްކަތްކުރަން. އެކަން ކުރެވޭނެގޮތް އަޅުގަނޑަށް އެނގޭ،" ޕާޓީގެ ތެރޭގައި އިތުރު ބައިބައިވުމަކަށް ދާން ބޭނުންނުވާކަން ހާމަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.

your imageހިންނަވަރުގައި ބޭއްވި އިތުބާރު ކެމްޕޭން ޖަލްސާގެ ތެރެއިން، ރައީސް ސޯލިހު އާއި މީކާއީލް ނަސީމް.--

މީކާއީލްގެ މެނިފެސްޓޯއަށް ތާއީދުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ބާއްވާ ޕްރައިމަރީއަކީ ވަކި ފަރާތަކަށް ނުޖެހޭ، ހާމަކަންބޮޑު ވާދަވެރި ޕްރައިމަރީއަކަށް ހެދޭނީ މީކާއީލް ފަދަ ވަކި ރިޔާސީ ކެންޑިޑޭޓަކު އެންޑޯޒްނުކޮށް ހުންނަވާނެ ޗެއަރޕާސަނަކު ހޮވައިގެން ކަމަށެވެ. އެހެންކަމުން، ހިންނަވަރުގެ ހުރިހާ ރައްޔިތުން ކެންޑިޑޭޓް ނަންބަރު 3، މީކާއީލް ނަސީމަށް ވޯޓު ދެއްވުމަށް ރައީސް ސޯލިހު އިލްތިމާސްކުރެއްވިއެވެ.

މިއީ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ރައީސް ސޯލިހުގެ އަރިސް ބޭފުޅުން މީކާއީލްގެ ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިވިނަމަވެސް، މީގެ ކުރިން ސޯލިހު މި ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް، ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު މީކާއީލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

އިއްޔެ މީކާއީލާއި "އިތުބާރު" ކެމްޕޭން ޓީމް، ހިންނަވަރަށް ޒިޔާރަތް ކުރެއްވުމުން އެ ޓީމަށް މަރުހަބާ ކިޔުމަށް ގިނަބަޔަކު ބަނދަރު ސަރަހައްދަށް ނުކުތެވެ. އެންމެ ކުރިއަށް ހުންނެވީ ރައީސް ސޯލިހެވެ.

ކޮމެންޓް