
ހޮނިހިރު ދުވަހުގެ ރޭ "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ނަމުގައި އެ ސިޓީގައި ކުރިއަށް ގެންދިޔަ ޖަލްސާގައި، މި ސަރުކާރަށް ނިސްބަތް ކުރައްވައި، ޝާހިދު ވިދާޅުވެފައި ވަނީ، މިއީ "ކަނަކު އިޝާނަމާދަށް ދާހެން ލާހޫރެމުންދާ" ސަރުކާރެއް ކަމަށް ސިފަ ކުރައްވާ ކަމަށެވެ.
އެ ޖަލްސާގައި، ޝާހިދު ބޭނުން ކުރެއްވި ބަހަކީ ޒަމާނުއްސުރެ ދިވެހިން ބޭނުން ކުރަމުން އަންނަ މަޖާޒީ ބަހެއް ނަމަވެސް، ބަޔެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންދާތީ، ޝާހިދު މިއަދު މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެގޮތަށް މި ސަރުކާރު ސިފަ ކުރެއްވީ، މި ސަރުކާރުން ކަންކުރަމުންދާ ގޮތް މަޖާޒީ ބަހަކުން ދެންނެވުމުގެ ނިޔަތުގައި ކަމަށެވެ.
އަދި އެ ބަސް ބޭނުން ކުރެއްވިފައިވާތީ ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ ހުރިހާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ކިބައިން "ދީލަތި މައާފަކަށް" އެދި ވަޑައިގެން ޝާހިދު ވިދާޅުވީ، އެގޮތަށް ވިދާޅުވީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދު ކުރުމުގެ ނިޔަތުގައި ނޫންކަމަށެވެ.
އަދި ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްތަކެއް އުނި ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާ ޝާހިދު ވިދާޅުވީ، އަދި މިކަމުގައި އެބޭފުޅާއާ އެކުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.




