
ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް މުޅިން ގެއްލިގެންދާނެ ކަމަށާ، މިކަމަކީ މިއީ ގާނޫނުއަސާސީގެ އަސާސްތަކާ ގުޅިފައިވާ ބޮޑު ކަމަކަށް ވާއިރު، މިފަދަ ބަދަލެއް ގެންނަންވާނީ ވަރަށް ފުންކޮށް ދިރާސާކުރުމަށްފަހު ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައިގެން ބޭއްވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ އިންތިހާބުތައް ވަގަށް ނެގުން ކަމަށާ، އެކަމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށް ވިދާޅުވެ، މިސަރުކާރުން ދަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ މުޅި ނިޒާމު އެކޮޅުކޮޅުން ޖަހަމުން ކަމަށް ވެސް ރައީސް އިބޫ ވިދާޅުވިއެވެ.
ހާއްސަކޮށް އެންޓިކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބޭފުޅުން އައްޔަންކުރެވޭ ގޮތަށް ގާނޫނުތަކަށް ބަދަލުވަމުންދާ ދިއުމަކީ ނިޒާމު ހަލާކުކޮށްލުން ކަމަށް، ރައީސް އިބޫ ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމު ރޫޅާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކައުންސިލްތަކަށް އޮތް ބާރުތައް ހަނިކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް އިރެއްގައި ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ގާނޫނުއަސާސީގައި އޮތް ކަމެއް ނޫން ކަމަށެވެ.
އަދި އެކަމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއްވެސް މީގެ ކުރިން ކުރެވިފައިނުވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ރިޔާސީ އިންތިހާބު ބާއްވަނީ ވަކިން ކަމަށާ، މައި ދެ އިންތިހާބު އެއްކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި އެމްޑީޕީން ނުގެންގުޅޭ ކަމަށެވެ.
ގާނޫނުއަސާސީ ހެދިއިރުވެސް ދެ އިންތިހާބު އެއްކުރުމުގެ ވިސްނުން ބަޔަކު ގެންގުޅުނު ނަމަވެސް، އިންތިހާބުތައް ވަކިން ބާއްވަން ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށާ، އެގޮތަށް ނިންމީ ވެރިކަމަށް ރައީސަކު ހޮވުމަށްފަހު، ރައްޔިތުންގެ މަންދޫބުން ހިމެނޭ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންނަށް ދިނުމަށްޓަކައިކަމަށް ވެސް ރައީސް އިބޫ ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ކުރާ މަސައްކަތަށް "ނޫނެކޭ" ބުނުމަށް ހުރިހާ ރައްޔިތުންނަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.




