އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު، ރައީސް ސޯލިހް އަދި ރައީސް ނަޝީދުއާއެކު އެމްޑީޕީގެ ކޮންގްރެސްގައި.--
އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް
ސަރުކާރާ މެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނުރުހިފައި، މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް: ފައްޔާޒު
ޖުނާން އަޙުމަދު 7 އޭޕްރީލް 2026 (އަންގާރަ)   07:18
މިފަހަރު ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ އިންތިހާބުތަކުން އެމްޑީޕީއަށް ލިބުނު ކާމިޔާބުގެ އުފާ ފާޅުކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު އާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ބައިވެރިނުވެ، ޕާޓީ ތެރޭގައި ވަނީ ހިޔާލު ދެކަފި ވެފައެވެ. އެކަމާ ގުޅޭ ޝުއޫރުތައް އެމްޑީޕީގެ ގްރޫޕްތަކުގައާއި ސޯޝަލްމީޑިއާގައި އެޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނާއި ސަޕޯޓަރުންގެ ފަރާތުން ވަނީ އާންމުކުރަން ފަށާފައެވެ.

އެ ދަނޑިވަޅު، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، އެ މަސައްކަތުގައި ޕާޓީގެ މެންބަރުން ދެއްކީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް ކަމަށެވެ.

"އެމްޑީޕީގެ މެންބަރުންގެ އިތުރުން އެތަކެއް އާންމު ރައްޔިތުންނެއް ވެސް ސާބިތުކޮށްދެއްވީ ގާނޫނުއަސާސީގެ ހިމާޔަތުގައި، ޑިމޮކްރަސީގެ ދިފާއުގައި ދިވެހިން ތިބޭނެކަން." ފައްޔާޒު ވިދާޅުވި އެވެ.

އެޕްރީލް 4 ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި 70 ޕަސެންޓުން މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނިކަން ފާހަގަ ކުރައްވާ، ފައްޔާޒު ވިދާޅުވެފައިވަނީ "ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މެންޑޭޓެއް މި ސަރުކާރުގައި މިހާރު ނެތް" ކަމަށެވެ. އަދި "މިހާރު ގެނެސްފައި ހުރި ބަދަލުތައް ވެސް އަނބުރާ ގެންދަން ޖެހޭ،" ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ހަމަ އެއާއެކު ފައްޔާޒު ވިދާޅުވެފައިވަނީ ގާނޫނުއަސާސީ އާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހޭކަން ގަބޫލު ކުރައްވާ ކަމަށެވެ.  

"އިސްލާހީ މަސައްކަތަކީ އަބަދުވެސް ކުރަން ޖެހޭ މަސައްކަތެއް، އެ މަސައްކަތުގައި މަޑުޖެހުމެއް ނެތް. ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމަށް ދިވެހިން ގެންނަން ބޭނުންވެފައި ތިބި ބަދަލުތަކުގެ ކަރުދާހަކާއެކު އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ދާނަން. މަޝްވަރާ އާއި ހިޔާލު ހޯދައިގެން އެ ބަދަލުތައް ގެނެވޭނެ އިންތިޒާމެއް އަޅުގަނޑުމެން ހޯދާނަން،" ފައްޔާޒު ވިދާޅުވި އެވެ.

އިންތިހާބުތަކުގެ ނަތީޖާއިން ހާމަކޮށްދެނީ "ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފައި" ކަން ކަމަށާއި، "މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް" ކަން ފައްޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް މުއިއްޒުއަށް ބޮޑުތަނުން ނޫނެކޭ ބުނެ، އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ ރައްޔިތުންގެ އުންމީދުތައް އެމްޑީޕީއާ ގުޅިފައި އޮތީމާކަން ފައްޔާޒު ފާހަގަ ކުރައްވައި ވިދާޅުވެފައިވަނީ "މިފަހަރު ރައްޔިތުންދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް،" ކަމަށެވެ.

ކޮމެންޓް
ދޮނާ
1 day ago
ޕާޓީގެ މުސްތަގުބަލަށް، ޕާޓީ އެއްބައިވަންތަ ކުރަން މަސައްކަތް ކުރާތީ ފެންނަނީ ފައްޔާޒު. ޝުކުރިއްޔާ ފައްޔާ!!!