
ގައުމީ ގޮނޑީގެ ނިޒާމު ފަރުމާ ކޮށްފައިވަނީ ހަމައެކަނި ލޯކަލް، ވިނަރ ޓޭކް-އޯލް އަށް ބަރޯސާވުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކަށް ރައްޔިތުންދޭ ވޯޓުގެ މައްޗަށް ބަރޯސާވާގޮތަށެވެ. މިގޮތަށް އޮތުމުން ރައްޔިތުންގެ މަޖިލިސް އެކުލެވިފައި އޮންނާނީ ސީދާ ރައްޔިތުން އިންތިހާބުކުރާ މަންދޫބުންނާއި ގައުމީ ގޮނޑީގެ ނިޒާމުގެ ތެރެއިން ޕާޓީތަކުން އައްޔަނުކުރާ މެންބަރުންގެ މައްޗަށެވެ.
ގައުމީ ގޮނޑީގެ ނިޒާމުގެ ވައްތަރުތައް
މިކްސްޑް-މެމްބަރ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން: މިކްސްޑް-މެމްބަރ ޕްރޮޕޯޝަން (އެމްއެމްޕީ) ރެޕްރެންޒންޓޭޝަން އަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓުލާމީހުން ދެ ވޯޓު ލާނެއެވެ. ފުރަތަމަ ވޯޓަކީ ލޯކަލް ކެންޑިޑޭޓު ނުވަތަ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓަށްދޭ ވޯޓެވެ. ދެވަނަ ވޯޓަކީ ޕާޓީއަށްދޭ ވޯޓެކެވެ. މިގޮތުން ދާއިރާތަކުން ލޯކަލް މަންދޫބުން އިންތިހާބު ވާއިރު، ގައުމީ ގޮނޑީގެ ލިސްޓުގައިވާ ޕާޓީތަކަށް ވޯޓު ލިބިފައިވާ ނިސްބަތުން ޕާޓީގެ ގޮނޑިތައް 'ޓޮޕް އަޕް' ކުރެއެވެ. މި ގޮތަށް ގޮނޑިތައް ބަހާލަނީ ޕާޓީތަކަށް ލިބިފައިވާ ޖުމްލަ ވޯޓުގެ ޕަސެންޓާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިސާލު: ޖަރުމަނުވިލާތް، ނިއުޒީލެންޑް.
ކްލޯޒްޑް-ލިސްޓް ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން: ކްލޯޒް-ލިސްޓް ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން އަކީ ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުގެ ނިސްބަތުން މެންބަރުން އިންތިހާބުކުރުމަށްދޭ ވޯޓެވެ. މި ގޮތުން ވޯޓުދޭނީ އިންތިހާބުގައި ވާދަކުރާ ވަކިވަނި ކެނޑިޑޭޓުންނަކަށް ނޫނެވެ. ކިއެއްތަ؟ ވޯޓު ދޭނީ ޕާޓީއަށެވެ. މި ގޮތުން ޕާޓިއަށް ލިބޭ ގޮނޑިތައް ކަށަވަރުކުރަނީ އެ ޕާޓީތަކަށް ލިބިފައިވާ ސަރަހައްދީ އަދި ގައުމީ ވޯޓުގެ ނިސްބަތުންނެވެ. އަދި ޕާޓީއަށް މި ލިބޭ ގޮނޑިތަކަށް މެންބަރުން ކަނޑައަޅަނީ ކޮންމެ ޕާޓިއަކުންވެސް ކުރިއާލާ ތައްޔާރުކޮށްފައިވާ ލިސްޓުގެ ތަރުތީބުންނެވެ.
މިސާލު: ދެކުނު އެފްރިކާ (ސަރަހައްދީ/ގައުމީ އަށް ބަހާލައިގެން 400 ގޮނޑި)، އިސްރާއީލް.
ޕެރެލަލް ވޯޓިން (މިކްސްޑް-މެމްބަރ މެޖޯރިޓީ): ޕެރެލަލް ވޯޓިން ނުވަތަ މިކްސްޑް-މެންބަރ މެޖޯރިޓީ ވޯޓުގެ ނިޒާމުގައި އޮންނަނީ ލޯކަލް ދާއިރާތަކުގެ ގޮނޑިތަކާއި ގައުމީ ޕާޓީ ލިސްޓުގެ ގޮނޑިތައް އެއްކޮށްލާފަ އެވެ. ނަމަވެސް މިކްސްޑް-މެންބަރ ޕްރޮޕޯޝަން (އެމްއެމްޕީ) ރެޕްރެންޒންޓޭޝަނާ ހިލާފަށް ޕާޓީ ލިސްޓުގެ ގޮނޑިތައް ބޭނުންކުރަނީ ލޯކަލް ނަތީޖާގައި ނިސްބަތުން ތަފާތުވާ ތަފާތުވުން ފޫބައްދާށެވެ.
މިސާލު: ޖަޕާން، ޕާކިސްތާން.
ސިންގަލް ޓްރާންސްފަރެބަލް ވޯޓް: ސިންގަލް ޓްރާންސްފަރެބަލް ވޯޓް (އެސްޓީވީ) އަކީ ވޯޓުލާ މީހުން ކެންޑިޑޭޓުން ރޭންކު ކުރާ އިސްތިސްނާއީ ނިޒާމެކެވެ. އެއީ ގިނަ މެމްބަރުން ވާދަކުރާ ޑިސްޓްރިކްޓްތަކުގައި ބޭނުންކުރާ އުސޫލެކެވެ. މި އުސޫލުގައި ޕާޓިތަކުގެ ހަރުކަށި ލިސްޓެއް ނޯވެއެވެ. އެހެންކަމުން ވާދަކުރާ ކެނޑިޑޭޓުންގެ ނިސްބަތުން ގޮޑިތައް ބެހިގެން ދެއެވެ.
މިސާލު: އަޔަރލޭންޑް، މޯލްޓާ، އޮސްޓްރޭލިއާ (ސެނެޓް).
ނޭޝަނަލް ސީޓު ސިސްޓަމް: ގައުމީ ގޮނޑީގެ ނިޒާމު ނުވަތަ ނޭޝަނަލް ގޮނޑީގެ ނިޒާމަކީ ސަރަހައްދީ ވާދަވެރިކަމުގެ މައްޗަށް ބިނާކޮށް ޕާޓީތަކަށް ކާމިޔާބުކުރެވޭ ގޮނޑިތައް ލިބިދިމުގެ އިތުރުން ގައުމީ ލިސްޓެއްގައި ހިމެނޭ ކެންޑިޑޭޓުންނަށް ވަކި އަދަދެއްގެ ގޮނޑިތަކަށް ނިސްބަތުން މެންބަރުން އައްޔަނު ކުރުމެވެ.
މިސާލު: ސުރީލަންކާ (ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 225 މެންބަރުންގެ ތެރެއިން 29 މެންބަރުން އިންތިހާބުކުރަނީ ގައުމީ ލިސްޓް (National List) ގެ މައްޗަށް ބިނާކޮށެވެ.
ގައުމީ ގޮނޑީގެ ނިޒާމު ތަމްސީލުކުރާ ގޮތުގެ ބައެއް މިސާލު
ދެކުނު އެފްރިކާ: ދެކުނު އެފްރިކާގެ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ 400 ގޮނޑީގެ މައްޗަށެވެ. މި 400 ގޮނޑިއަށް ސައުތު އެފްރިކާގައި މެންބަރުން އިންތިހާބު ކުރަނީ ދެ ދަރަޖައި (two-tier) ގެ ކްލޯޒްޑް ލިސްޓް ނިޒާމެއްގެ ދަށުންނެވެ. މިގޮތުން، ސަރަހައްދީ ލިސްޓް (އަތޮޅު/ޕްރޮވިންސް) އަށް ހާއްސަކޮށްފައިވަނީ އޮންނަނީ 200 ގޮޑިއެވެ. އަދި އަނެއް 200 ގޮނޑި ހާއްސަކޮސްފައި އޮންނަނީ ގައުމީ ޕާޓީތަކުގެ ލިސްޓަށެވެ.
އިންޑިއާ: އިންޑިއާގެ ލޯކް ސަބާ އަށް ވަކިވަކި ދާއިރާތަކުން ސީދާ ފަސްޓް ޕާސްޓް ދަ ޕޯސްޓް (އެފްޕީޓީޕީ) މެދުވެރިކޮށް 543 މެމްބަރުން އިންތިހާބު ކުރެ އެވެ. އަދި ޕާޓީތަކުގެ ގައުމީ ލިސްޓަށް ގޮނޑިދޭ އުސޫލެއް ނޯވެއެވެ. މިއާހިލާފަށް ޝެޑިއުލް ކާސްޓުންނަށް 84 ގޮނޑި؛ އަދި ޝެޑިއުލް ޓްރައިބްސް އަށް 47 ގޮނޑި ހާއްސަކޮށްފައި އޮވެއެވެ. ނަމަވެސް މި އުސޫލަކީ ހުދު ދާއިރާތަކަށް ބިނާވެފައިވާ އުސޫލެކެވެ.
ބަންގްލަދޭޝް: ބަންގާޅުގެ ޖަތިޔާ ސަންގްސާދު އަށް އެކިއެކި ދާއިރާތަކުން (First-past-the-post)، (އެފްޕީޓީޕީ) އަށް ރިއާޔަތްކޮށް 300 މެމްބަރުން އިންތިހާބު ކުރެއެވެ. ފަސްޓް-ޕާސްޓް-ދަ-ޕޯސްޓު އަކީ އެ ދާއިރާއެއްގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދާ މީހާ މެންބަރުކަމަށް އިންތިހާބުވާ އުސޫލަށް ކިޔާނަމެކެވެ. މި 300 ގޮނޑީގެ އިތުރުން ބަންގާޅުގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ހާއްސަކޮށްފައި 50 ގޮނޑިއެއް ހުރެއެވެ. މި ގޮޑިތައް ޕާޓިތަކަށް ދެނީ ޕާޓީތަކުގެ ގައުމީ ލިސްޓުގެ މައްޗަށް ބިނާކޮށެވެ.
ނެދަލެންޑްސް: ނެދަލެންޑުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަށް 150 މެންބަރުން އިންތިޚާބު ކުރަނީ އޯޕަން ލިސްޓް ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން (އޯއެލްޕީއާރު) މެދުވެރިކޮށެވެ. އޯޕަން ލިސްޓް ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން އުސޫލަކީ ކްލޯޒް-ލިސްޓް ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންއާ ހިލާފަށް ޕާޓީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާ މީހާއަށް އެންމެ ކަމުދާ ނުވަތަ މަގުބޫލު ކެނޑިޑޭޓަކަށް ވޯޓު ދިނުމުގެ ހައްގު ދީފައި އޮންނަ އުސޫލެވެ. ނެދަލެންޑުގެ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ މި އުސޫލުންނެވެ.
ގައުމީ ގޮނޑި ނިޒާމުތަކުގެ ބައެއް ފައިދާ
ފެއަރ ރެޕްރެޒެންޓޭޝަން: ފެއަރ ރެޕްރެޒެންޓޭޝަން ނުވަތަ އިންސާފުވެރިކަމާއެކު ތަމްސީލުކުރެވޭ ގޮތަށް އޮތުމަކީ ޕާޓީތަކުގެ ހަގީގީ ތާއީދު ރަނގަޅަށް ދައްކުވައިދޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި ޕާޓީތަކަށް ގޮނޑި ލިބޭ ކަމެކެވެ. މިއާއެކު އަދާލަތު ޕާޓީ، ނޭޝަނަލް ޕީޕަލް ފުރަންޓު ފަދަ ކުދި ޕާޓީތަކަށް މަޖިލީހުގައި އަޑުއުފުލުމުގެ ފުރުސަތު ފަހިކޮށްދޭ ކަމެކެވެ.
މިސާލަކަށް؛ 2020 ވަނަ އަހަރު ސުރީލަންކާގައި ބޭއްވުނު އާއްމު އިންތިހާބުގައި ވާދަކުރައްވައި، ރަނިލް ވިކްރަމަސިންހަ ނާކާމިޔާބީ ކުރިމަތިވެ ވަޑައިގަތެވެ. ނަމަވެސް، ގައުމީ ގޮނޑީގެ ލިސްޓުގައި ހިމެނިގެން މަޖިލީހަށް ވަޑައިގަތެވެ. އަދި ސުރީލަންކާގެ ރައްޔިތުންގެ މަޖިލީހުން ރައީސްކަމުގެ މަގާމަށް 20 ޖުލައި 2020 ގައި ރަނިލް އިންތިހާބު ކުރިއެވެ.
ޑައިވަރސިޓީ އިތުރުކުރުން: ގައުމީ ގޮނޑީގެ ލިސްޓެއް އޮތުމުގެ ސަބަބުން ޕާޓީތަކުގެ ހާއްސަ މަންދޫބުން، ތަޖުރިބާކާރުން، ނުވަތަ މައިނޯރިޓީ (ބައިމަދު މީހުން) ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޖެރީމަންޑަރިން މަދުކުރުން: ޖެރީމަންޑަރިން ގެ ސަބަބުން ވަށައިގެންވާ ސަރަހައްދުގައިވާ ގޮނޑިތައް އެއްޕާޓީއަކުން ހުދުމުހުތާރުކަމާއެކު މެނިޕުލޭޓް ކުރާކުރުން ހުއްޓުމަކަށް ގެނުވައެވެ.
ގައުމީ ގޮނޑީގެ ނިޒާމެއް ރާއްޖޭގައި އޮތުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ. އޭރުން ކުދި ޕާޓީތަކަށާއި، މައިނޯރިޓީ އަޑުތަކަށް މަޖިލީހުގައި އަޑު އުފުލުމުގެ ފުރުސަތު ފަހިވެގެންދެއެވެ. 2019 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރަކަށް ހުންނެވި އޭރުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މަޖިލީހުގެ ގޮނޑި ގެއްލުނީ ގާތްގަޑަކަށް އަށެއްކަ ވޯޓުގެ ފަރަގުންނެވެ. އޭގެ ސަބަބުން އިދިކޮޅު އިއްތިހާދުގެ ލީޑަރުގެ އަޑު މަޖިލީހުން ފަނޑުވެގެން ދިޔައެވެ. ނަމަވެސް ގައުމީ ގޮނޑީގެ ނިޒާމު އޮތްނަމަ، ޕާޓީ ލިސްޓުގެ މައްޗަށް ބިނާކޮށް އަބްދުއްރަހީމަށް މަޖިލީހުގެ ގޮނޑިއެއް ލިބިވަޑައިގަތުމުގެ ފުރުސަތު ފަހިވީހެވެ.




