ރޭގެ މުޒާހަރާއިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މީހުން - ފޮޓޯ: މީސްމީޑިއާ
މުޒާހަރާއިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި 2 މީހަކު އަނެއްކާ ހައްޔަރުކޮށްފި
ޖުނާން އަޙުމަދު 15 މޭ 2026 (ހުކުރު)   15:22
މި ސަރުކާރުން ނޫސްވެރިން ހައްޔަރުކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގަމުން އަންނާތީ އެކަމާ ދެކޮޅަށާއި، ބަންދުކޮށްފައި ތިބި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލައި ރޭ ކުރި މުޒާހަރައިން ހައްޔަރުކުރި ދެ މީހަކު ރޭ ދޫކޮށްލުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ދަންވަރު ހައްޔަރުކޮށްފި އެވެ.

ރޭ ހައްޔަރުކުރި މީހުންގެތެރެއިން، ދެމީހަކު އަލުން ހައްޔަރުކޮށްފައި ވަނީ، ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހައްޔަރުކޮށްފައި ވަނީ، މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ އިސް ސަފުން ފެންނަ ދެ މީހުން ކަމަށްވާ ޝާމިން އާއި މުޝައްރަފެވެ.

ހައްޔަރުކުރުމަށް ފަހު ރޭ 7 މީހަކު ދޫކޮށްލާފައި ވާއިރު، އޭގެތެރޭގައި ކުރީގެ ނޫސްވެރިއެއް ކަމަށްވާ، އަދި މިހާރު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، އެ ޕާޓީގެ ވިލިނގިލި ދާއިރާގެ ރައީސް ހަސަން ހުސެއިން ވެސް ހިމެނެއެވެ.

ހުސެން ދޫކޮށްލުމުން ރޭ މީޑިއާގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ ރޭގެ މުޒާހަރާ ނުވެސް ފަށަނީސް ކަމަށާ، އޭނާ ހައްޔަރުކުރީ ޕޯސްޓަރެއް ހިފައިގެން މަގުމަތީގައި ހުއްޓާ ކަމަށެވެ.

"މުޒާހަރާ ނުފަށަނީސް އަޅުގަނޑު ހައްޔަރުކުރީ، ނުވަގަޑި އަށެއްގައި އަޅުގަނޑު ހައްޔަރުކުރީ، ޕޯސްޓަރު މިހެން ހިފައިގެން ހުރީމަ، އަޅުގަނޑު ދަންނަވަން އއޮތް ވާހަކައަކީ ސުލްހަވެރި ހަރަކާތަކުން މީހަކު ބަންދުކޮށްގެން ހައްޔަރުކޮށްގެން ނުގެންގުޅެވޭނެ ކަމުގެ ހެއްކެކޭ އަޅުގަނޑު މިއީ، ރީތިކޮށް އަޅުގަނޑުހުރީ ސުލްހަވެރިކަމާ އެކީގައި މަޖީދީމަގާއި ޗާންދަނީ މަގުގައި މަޑުކޮށްގެން، މަޑުކޮށްގެން ހުރެ އިހުތިޖާޖުކުރުމަކީ އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް، އެ ހަރަކާތަށް ޖާގަދޭންޖެހޭނެ ކަމުގެ ހެއްކެތް އަޅުގަނޑު މިހުރީ، މިރޭ ހައްޔަރުކުރީ މިރޭ މި މިނިވަންވީ، ނުކުންނަވާ ހުރިހާރައްޔިތުން ނުކުންނަވާ ތިން ރައީސުންނާ އެކީގައި މުޅި ރާއްޖެ ނުކުންނަވާ، ނޫސްވެރިންގެ ހައްގުގައި އިންސާފު ހޯދައިދނުމަށްޓަކައި ނުކުންނަވާ،" – ހުސެއިން ހަސަން

ފާހަގަކޮށްލެވޭ ގޮތުގައި، ކުރިން ރޭތަކަށްވުރެ އާދަޔާ ހިލާފަށް ގިނައިން ރޭގެ މުޒާހަރާއަށް ފުލުހުން ގޮސް ވަނީ ވަދެގަނެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދާ ފަރާތްތައް ހައްޔަރުކޮށްފައެވެ.

މިފަދައި ސަރުކާރުގެ ކަންކަން ހުރި އިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި ފަހުން ވެސް ވައުދުވެ ވަޑައިގެން، އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނުއްވާ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމަނުއްވާފައި ވަނީ، މާލޭގައި މުޒާހަރާ ކުރުމުގެ ހައްގު އެންމެ ފުޅާކޮށް ރައްޔިތުންނަށް ދެއްވާނެ ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން މިހާރު ކަންކަން ކުރަމުން މިދަނީ އެ ވައުދުފުޅުތަކާއި މުޅިން ހިލާފަށް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް