
މިގޮތަށް އެދިވަޑައިގެން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް، އަހުމަދު އަބްދުالله އަފީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 12 ޖޫން 2026 ގައި ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ނިންމައި އިއްޔެ އިއުލާންކޮށްފައިވަނީ އޭނާ އިރުޝާދު ދެއްވާފައިވާ ގޮތާ ހިލާފަށް ކަމަށެވެ.
އަދި، ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު، ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން މަތިކޮށްފައިވަނީ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް އާ ކަމަށްވާއިރު، ޕާޓީގެ އެއްވެސް ގުނަވަނަކުން މިފަދަ ނިންމުމެއް އޭނާއަށް ނާންގައި ނިންމުމަކީ އަސާސީ ގަވާއިދާ މުޅިން ހިލާފު ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އިންތިހާބާ ބެހޭ ކޮމިޓީން އެކުލަވާލި ޓައިމްލައިނަކީ ހަމައެކަނި ދިން ލަފައެއް ކަމަށާއި، އެކަމުގައި ގޮތެއް ނިންމަންވާނީ ޕާޓީގެ ލީޑަރުންނާއި ޗެއާޕާސަންއާ މަޝްވަރާކުރުމަށްފަހު ކަމަށާ، ހާއްސަކޮށް ޕާޓީ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މަސްލަހަތު ގެއްލިދާނެ ފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް އަހުމަދު އަފީފްގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
އަދި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން އެ މެންބަރުންނަށް ނޭނގި ޕީއެންސީއަށް ބަދަލުކޮށްފައިވާކަން ތުހުމަތު ކުރައްވައި، އަހުމަދު އަފީފް ވިދާޅުވީ ވަކިކޮށްފައިވާ މެންބަރުންނަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުދީ އިންތިހާބު ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންނާއި މެންބަރުންގެ އިންތިހާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށާ، އެހެންކަމުން މިހާރު އިއުލާންކޮށްފައިވާ ޓައިމްލައިން އަސާސީ ގަވާއިދާ ހިލާފް ކަމަށްވާތީ، އެ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއްކަން އިއުލާންކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީ
އެމްޑީޕީން އާންމުކުރި ޓައިމްލައިން ގައި އޮތްގޮތުން ޗެއާޕާސަން އިންތިހާބުގައި ވޯޓްލެވޭނީ ރޭ 12:00 ގެ ކުރިން ޕާޓީގެ މެންބަރަކަށް ވާ ފަރާތްތަކަށް އެކަންޏެވެ. އެކަމާ ދެކޮޅަށް ސޯޝަލްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިތުރު ވަގުތު ދީގެން މެންބަރުން އިތުރު ކުރުމަށް ފުރުސަތު ދިނުމަށް އެމްޑީޕީގެ އެކި ޕްލެޓްފޯމްތަކުގައިވެސް ވަނީ ޝުއޫރު ފާޅުކޮށްފައެވެ.
އިއްޔެ ޓައިމްލައިން ނެރުނުފަހުން ރޭ 12 ޖެހުމާ ދޭތެރޭ ގާތްގަނޑަކަށް ހައެއްކަ ގަޑިއިރުގެ ތެރޭގައި އެމްޑީޕީއަށް ވަނީ 4868 މެންބަރުން، އަލަށް ޕާޓީގައި ރަޖިސްޓްރީ ވެފައެވެ.




