
މީސްމީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި އިބްރާ މިހެން ވިދާޅުވެފައި މިވަނީ "އަދަދު" ނޫހުން ތައްޔާރުކޮށް އާންމުކޮށްފައިވާ "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ މި ޑޮކިއުމެންޓް "އައިޝާ" އާ ގުޅިގެން "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް އާންމުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އަދި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އަންގާ އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށާ، އެހެންކަމުން މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ވެސް ބެލެވޭނެ ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު، ނެރުއްވި އެ އަމުރަކީ ގާނޫނީ ގޮތުން ކޯޓަކަށް އޮންނަ ބާރެއް ނޫން ކަމަށް ދޭހަވާގޮތަށް، އާ ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާ މީސްމީޑިއާގައި ވިދާޅުވެފައިވަނީ، ކޯޓަކީ ރައްޔިތުންނަށް ކަންކަން މަނާކުރުމުގެ ބާރު ލިބިފައިވާ ތަންތަނެއް ނޫން ކަމަށާ، އަދި ކޯޓަކުން އަމުރެއް ނެރެވޭނީ ހަމައެކަނި އެ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ހަސްމުންގެ މައްޗަށް ނުވަތަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ މައްސަލައަކާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެކަނި ކަމަށެވެ.
ކްރިމިނަލްކޯޓުން ނެރުއްވި އެ އަމުރުގައިވާ ގޮތުން، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.
ކްރިމިނަލް ކޯޓުން އެ ކޯޓު އަމުރު އިލްެކްޝަން ކޮމިޝަނަށް ފޮނުވުމުން، ގިނައިރުތަކެއް ނުވެ، އެ އަމުރު އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށްވެސް ފޮނުވާފައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލޭނޭކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާކަމަށާއި، އެކަމަށް ހުރިހައި ސިޔާސީ ޕާޓީތަކުން ސަމާލުވުމަށް އެދޭ ކަމަށް، އީސީން އިއްޔެ އެ އަމުރާއެކު، ސިޔާސީ ޕާޓީތަކަށް ފޮނުވި އީމެއިލްގައި ބުނެފައިވާއިރު، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ވަނީ އެމްޑީޕީއަށް އިލެކްޝަންސް އިން ފޮނުވާފައިވާ އެ އަމުރު އެކްސްގައި އާންމު ވެސް ކުރައްވާފައެވެ.
އެ ޑޮކިއުމެންޓްރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން، ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށާއި އޭނާއަށް މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ.
"އައިޝާ" ޑޮކިއުމެންޓްރީ "އަދަދު" ނޫހުން އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނާ އެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެ ޑޮކިއުމެންޓްރީގައި އެ ޖަވާބު ވެސް ހިމަނާފައިވެއެވެ.
އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ބުނެ ފިޔާޒުގެ އިތުރުން ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އެ ދެ މީހުން ވެސް ތުހުމަތުތަކަށް އިންކާރުކޮށް ތަހުގީގުގައި ތިބީ ހަނެވެ.
ފިޔާޒު ވިދާޅުވެފައިވާ ގޮތުން ހަނު ހުރުމުގެ ހައްގު ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައެވެ. އެކި މަސްދަރުތަކުން ދޭ މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ފިޔާޒު އާއި ހަސަންގެ އިތުރުން އެ ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެހެންނަމަވެސް އޭނާގެ ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިންކަމަށް އޭނާގެ ވަކީލު ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވެއެވެ.
ޑޮކިއުމެންޓްރީގެ މައްސަލާގައި އަދަދު އޮފީސް ފުލުހުން ރެއިޑްކޮށް އެ ނޫސް ހިންގުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ގެންގޮސް، އެ ނޫހުގެ އިސް މުވައްޒަފުން ރާއްޖެއިން ފުރުން މަނާކޮށްފައި ވާތީ ދިވެހި ނޫސްވެރިންގެ ޖަމުއިއްޔާގެ އިތުރުން ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖިނާއީ ދައުވާ ނޫސްވެރިންގެ މައްޗަށް ނުކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.




