އަދަދު ނޫސް އޮފީސް އިމާރާތުގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ސޯޝަލްމީޑިއާ
'އަދަދު'ގެ ނޫސްވެރިންނާމެދު ސަރުކާރުން އަމަލުކުރާގޮތުން ސީޕީޖޭގެ ކަންބޮޑުވުން
"ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ޝަހުޒާން ބޭރުކޮށްލާފައި އެވަނީ، ޖަވާބުދޭން އުނދަގޫ ސުވާލެއް ކުރުމުން" - ސީޕީޖޭ
ޖުނާން އަޙުމަދު 11 މޭ 2026 (ހޯމަ)   21:42
ރައީސް މުއިއްޒުއާ މި ސަރުކާރުގެ އިސްވެރިންނާ މެދު ކުރެވޭ ބޮޑެތި ތުހުމަތުތަކެއް އާންމުންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި މަސައްކަތްކުރަމުން އަންނަ މަޝްހޫރު 'އަދަދު' ނޫހުގެ ނޫސްވެރިންނާއި އެ ނޫހުގެ މެނޭޖްމެންޓާމެދު މިސަރުކާރުން އަމަލުކުރާގޮތުން ސީޕީޖޭ (ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއި ދައުވާތައް ކުރުމާއި، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބޭރުކޮށްލުން، ސީޕީޖޭއިން ކުށްވެރިކޮށްފައި ވާއިރު، އަދަދު ނޫހުގެ 'އައިޝާ' ޑޮކިއުމެންޓްރީގެ މައްސަލައިގައި ފިޔާޒާއި ހަސަން ގެ މައްޗަށް ވަނީ، ގަޒުފުކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލްކޯޓުގައި އުފުލާފައެވެ.

ޕީޖީ (ޕްރޮސެކިޔުޓާ ޖެނެރަލް) ގެ އޮފީހުން އިއްޔެ މި މައްސަލަތައް ކޯޓަށް ހުށަހަޅާފައި ވާއިރު، އެ  ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކު މާއި އެ ޑޮކިއުމެންޓްރީ ފެތުރުން ވެސް ކްރިމިނަލް ކޯޓުން މަނާކޮށް ހުރިހާ ރައްޔިތުންނަށް އާންމުވާނެހެން ވަނީ ކޯޓުއަމުރެއް ނެރެފައެވެ.

އެހެންކަމުން އަދަދު ނޫހާ ދެކޮޅަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، އެ ނޫހުގެ ފިޔާޒާއި ހަސަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ފީޖީ އޮފީހަށް ގޮވާލާ ސީޕީޖޭއިން ބުނެފައިވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ޝަހުޒާން ބޭރުކޮށްލާފައި އެވަނީ، ޖަވާބުދޭން އުނދަގޫ ސުވާލެއް ކުރުމުން ކަމަށެވެ.

އަދި ނޫސްވެރިން ބޭނުން ކޮންމެ ސުވާލެއްކޮށް، އެއްވެސް ބިރެއްނެތި ނޫސްވެރިކަން ކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ބުނެ ސީޕީޖޭއިން ބުނެފައި ވަނީ، އެއާ ހިލާފަށް މި ސަރުކާރުން އަމަލުކުރާ ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކަނޑައެޅިގެން ހުރަސްއެޅުން ކަމަށެވެ.

ފިޔާޒް އާއި ހަސަންގެ އިތުރުން ވެސް އެ ނޫހުގެ ދެ ނޫސްވެރިންކަމަށްވާ ލީވާން އާއި ޝަހުޒާން ވެސް މާދަމާ ކޯޓަށް ހާޒިރުކުރުމަށް މިހާރު ވަނީ ޗިޓުފޮނުވާފައެވެ.

ކްރިމިނަލް ކޯޓުން ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ފޮނުވާފައިވާ ޗިޓުގައި ވަނީ އެ ކޯޓުން އޭނާ ހާޒިރުކުރަނީ "އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންނަށް އަމުރުކޮށްފި" ސުރުހީގައި ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެންކަމަށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީވާން ހާޒިރުކުރަނީ އެ ހަބަރަކީ، ކޯޓުގެ ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު ނުވަތަ ގެގް އޯޑަރާ ހިލާފު ހަބަރެއްތޯ ބެލުމަށެވެ. އޭނާ ކޯޓަށް ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު 11:00 އަށެވެ.

އަދަދު ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން ކޯޓު އަމުރާ ހިލާފުވެ ކަމަށް ބެލެވޭތީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު، ޝަހްޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ކޯޓުން އަންގާފައިވާ އަމުރުގައި ބުނެފައިވަނީ، ޝަހްޒާން ކޯޓު އަމުރާ ހިލާފުވެފައިވަނީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ޝަހްޒާން ވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ސުވާލުކޮށްފައެވެ. ޝަހްޒާންގެ ސުވާލު އެ މައުލޫގައި ހުރިއިރު، އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަންގާ ކަމަށެވެ.

އަދި އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވެސް އަމުރުކޮށްފައި ވެއެވެ.

އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މާދަމާ 13:00 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާފައި ވެއެވެ.

ކޮމެންޓް