
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރުމުގެ ޒިންމާ އަދާކުރާ ޕީސީބީ (ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު) އިން މިކަން ކަށަވަރުކޮށްދީފައި ވާނަމަވެސް، ޔޫސުފް ވަހީދު އެ މަގާމުން ވަކިކުރި ވަކި ސަބަބެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑުގައި ހިދުމަތް ކުރައްވަން ފެއްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އޭނާ އެ މަގާމުން ވަކިކުރި ނަމަވެސް، އެސްޑީއެފްސީ (އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން) ގެ ޗީފް އިންޓަނަލް އޮޑިޓަރުގެ މަގާމު މިހާރުވެސް ފުރުއްވަމުން ގެންދަވަނީ އޭނާއެވެ.
ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަ އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް އާއި، ބެޗްލަ އޮފް ބިޒްނަސް މެނޭޖްމަންޓް އިން ފައިނޭންސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.




