ރައީސް ނަޝީދު، ތިނަދޫއަށް ހާއްސަކޮށް ބޭއްވި ބައްދަލުވުމަށްފަހު ސަޕޯޓަރުންނާ ސަލާމްކުރައްވަނީ.--
ރާއްޖެ އަންނަން މަޖުބޫރުކުރުވީ ސަރުކާރުގެ އަމަލުތައް: ނަޝީދު
ހަސަން އިބްރާހީމް 20 މޭ 2026 (ބުދަ)   15:46
ސިޔާސީ ކަންކަމާ ދުރުވެ، ރާއްޖެއިން ބޭރުގައި ހުއްޓާ، އެކަންކަމުގެ ތެރެއަށް އަލުން އެނބުރި އައުމަށް މަޖުބޫރުކުރުވީ މި ސަރުކާރުގެ އަމަލުތައް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވެ 21 ޖޫން 2023 ގައި ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތެވެ. އަދި އެމަނިކުފާނަށް ތާއީދުކުރާ މީހުން އުފެއްދި ދަ ޑިމޮކްރެޓްސްގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކެމްޕޭން ކުރައްވައި ވޯޓް ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ. އަދި ދެވަނަ ބުރުގައި މިހާރުގެ ރައީސް މުއިއްޒަށް ތާއީދު ކުރެއްވިއެވެ. ނަމަވެސް، 12 ޑިސެމްބަރު 2023 ގައި، ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ބަޔާނެއް އާންމުކުރެއްވިއެވެ.

އޭގެ ފަހުން، ޖެނުއަރީ 2024 ތެރޭ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް އެ މަނިކުފާނު އެފްރިކާގެ ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ. އެކަމަކު، 23 ޖޫން 2025 ގައި ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. ނިމިދިޔަ ކައުންސިލް އިންތިހާބު ތެރޭގައި  ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް ވެސް އުޅުއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރައްވާ ކެމްޕޭނުގައި ނަޝީދު ވަނީ ގދ.ތިނަދޫ އަށް ހާއްސަކޮށް ޖަލްސާއެއް ބާއްވާފައެވެ. ތިނަދޫގައި ތިބި އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންނާވެސް އެކު، އެމްޑީޕީ މާލޭ ހަރުގޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވަނީ ސިޔާސީ ކަންކަމާ ދުރުގައި ހުންނަވަނިކޮށް އަލުން އެކަމުގެ ތެރެއަށް ވަންނަވަން ނިންމެވި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ނަޝީދު ވިދާޅުވީ، ގާނާގައި ހުންނަވަނިކޮށް އެނބުރި ރާއްޖެ ވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމާ ބެހޭ ގޮތުން ވާހަކަދެއްކެވިޔަސް، ރާއްޖެ ވަޑައިގެން އަލުން އެ މަސައްކަތުގައި އުޅުއްވުމާ މެދު ވަކި ޖަވާބެއް އެ މަނިކުފާނު އޭރު  ނުދެއްވަން ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ފަހުން ފައްޔާޒުއާ އެކު ގާނާގައި ހަފްތާއެއްހާ ދުވަހު ހޭދުކުރެއްވި ކަމަށާއި އެ ހަނދާންތައް ފައްޔާޒުގެ ވެސް ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި އަލުން ހަރަކާތްތެރިވެވަޑައިގަންނަވަން ނިންމެވީ ކީއްވެކަން ސާފުކޮށްދެއްވަމުން ނަޝީދު ރޭ ވިދާޅުވީ، ގާނާއިން ފައްޔާޒު ފުރައިގެން ނުދެވި އުޅެނިކޮށް، ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކޮށްގެން ތިނަދޫގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކުރިކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ނުކޮށް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ގެންދިއުން ކަމަށްވާއިރު، އެހާ ހިސާބުން، ރާއްޖޭގައި ތިނަދޫ މީހުން އިސްވެ ތިބެ ބިނާކުރި ނިޒާމު ރޫޅެމުންދާ ތަން އަދި އެ ނިޒާމު ރޫޅާލުމަށް ރައީސް މުހައްމަދު މުއިއްޒު ހުދުމުހުތާރުވެ އަމަލުކުރައްވަމުން ގެންދަވާ ތަން ވަރަށް ސާފުކޮށް ފެންނަން ފެށިކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެއްދުމާއި އޭގެ ފަހުން ވެސް ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ގޮތްތައް ހޯދައިދޭން އެންމެ ބޮޑު މަސައްކަތެއް ކުރީ ތިނަދޫން ކަމަށާ، އެ ރަށު މީހުންނަކީ އަބަދު ވެސް ބަދަލަކަށް ބޭނުންވާ ބައެއް ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އެ ބަދަލު އެ މީހުން އެދެނީ އިންސާފާއި ތަނަވަސްކަމަށްޓަކައި ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާ އެކު އެ މަނިކުފާނާއި ފައްޔާޒު މިހާރު ކުރައްވަމުން ގެންދަވާ 'ބޮޑު ބަދަލު'ގެ މަސައްކަތަށް ވެސް ތިނަދޫ ކައުންސިލަރުންނާއި ކުރީގެ މަޖިލިސް މެންބަރުން ހިމެނޭހެން މުޅި އެ ރަށު އެމްޑީޕީގެ މެންބަރުން ތާއީދުކުރާކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ކޮމެންޓް