
މިރޭ އެ ދެމީހުން ވައްކަން ކުރަން އުޅުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން ކަމަށާއި ހަމަލާދީފައި ވަނީ، އެ ސަރަހައްދުން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ގޮސް އުޅުނު މުއައްޒަފަކަށް ކަމަށާ، އެ ޓްރާންސްފޯމަރުން ދެމީހަކު ވައްކަން ކުރަން އުޅެނިކޮށް އެ މުއައްޒަފަށް އެތަން ފެނި އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މިރޭ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އެ ކުންފުނީގެ މުވައްޒަފުން ވަނީ އަތުލައިގަނެފައި ކަމަށާ، އަދި އެ މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ވެސް ހިންގާފައި ކަމަށެވެ.
އަދި ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑިފައި ކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ، ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލު ކޮށްފައި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ޓްރާންސްފޯމަރުތަކުން ވައްކަންކުރުން މިހާރު އާންމު ކަމަކަށް ވެފައި ވާއިރު، އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ނެތި، އެތަން ސްޓެލްކޯއަށް ބެލެހެއްޓިފައި ނުވަނީ އެތަނުގައި ހިންގާ ޕްރޮޖެކްޓަކީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓަކަށް ނުވުމުންކަމަށާ، ނަމަވެސް މިހާރުގެ އެޗްޑީސީގެ މެނޭޖުމަންޓާ ގުޅިގެން އެ ތަނުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.




