
90 މިނެޓަށް ވުރެ ގިނަ އިރުވަންދެން، ކޭޕް ވާޑެ އިން ވަނީ ސްޕެއިންގެ ވަރުގަދަ ހަމަލާތަކަށް ކެތްތެރިކަމާއެކު ކުރިމަތިލާފައެވެ. އީއެސްޕީއެން އިން ރިޕޯޓްކުރާ ގޮތުގައި ސްޕެއިންއިން 27 ހަމަލާ އުފެއްދިއިރު، އޭގެ ތެރެއިން 7 ހަމަލާ އަމާޒުވީ ގޯލަށެވެ.
މެޗު ނިމުނީ 0-0 އިން އެއްވަރުވެގެން ކަމަށް ވިޔަސް، މިއީ ފީފާ ރޭންކިންގެ 67 ވަނައިގައި އޮތް ކޭޕް ވާޑަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ސަބަބަކީ ސްޕެއިން އަކީ ރޭންކިންގެ 2 ވަނައިގައި އޮތް ޓީމަށް ވުމެވެ.
ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތް ސޭވްކޮށް، ކޭޕް ވާޑަށް މުހިންމު ޕޮއިންޓެއް ހޯދައިދިނުމުން ވޮޒީނިއާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކުރިއަށް ދިއުމަށް އެ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
ކޭޕް ވާޑެގެ ބަތަލަކަށްވި ވޮޒީނިއާ މެޗު ނިމުމުން ގައުމީ ދިދަ ހަށިގަނޑުގައި އޮޅާލައިގެން، އުފަލުން ގޮސް އެޓްލާންޓާ ސްޓޭޑިއަމް ތެރޭގައި އެކި ކޮޅުކޮޅަށް އޭނާ ދުވިއެވެ. އެންމެ ފަހުން ބްރޯޑްކާސްޓަރުން އޭނާއާ ވާހަކަދައްކަން ހުއްޓުވިއިރު، ނިތްކުރިން ފައިބަމުންދިޔަ ދަލާއެކު އޭނާގެ ލޮލުން ކަރުނަ ފާއްދާލާފައި ހުއްޓެވެ.
ވޮޒީނިއާ އަކީ ކާކު؟
އޭނާގެ އަސްލު ނަމަކީ ޖޮސިމާރ ޖޯސޭ އެވޯރާ ޑިއާސް އެވެ. ކޭޕް ވާޑްގެ ފުރަތަމަ ވޯލްޑް ކަޕް މެޗުގައި ކުޅެން އެރިއިރު ވޮޒީނިއާގެ އުމުރަކީ 40 އަހަރާއި 12 ދުވަހެވެ. މިއާއެކު އޭނާ ވެފައިވަނީ ގައުމެއްގެ ފުރަތަމަ ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
2024 ވަނަ އަހަރު ފީފާއަށް ދިން އިންޓަވިއުއެއްގައި ވޮޒީނިއާ ވަނީ އޭނާއަށް އެ ވަނަން ކިޔުނު ގޮތް ކިޔައި ދީފައެވެ. ކްރިއޯލް ބަހުން "ވޮޒީނިއާ" ކިޔަނީ "މާމަ" އަށެވެ.
"އަހަރެން ކުޑައިރު އުޅުނު ސަރަހައްދުގައި އެހެން ކުދިންނަކީ އަހަންނަށް ވުރެ މާ ދޮށީ ކުދިން. އަހަރެން އަބަދުވެސް މަގުމަތީގައި އެކުދިންނާއެކު ކުޅެން އުޅޭއިރު ވަރަށް ގިނައިން އަނިޔާވޭ. އެއީ އަހަރެން ފައިން ކުޅެން ވަރަށް މޮޅުވީމަ އަދި ބަލިވާން ބޭނުންނުވާތީ. އަހަންނަށް އަނިޔާވުމުން ބަދަލު ނުހިފޭ ފަހަރުތަކުގައި ވަރަށް ރުޅިއައިސްގެން ގެއަށް ދަނީ. އެހެންވެ އެކުދިން އަހަންނަށް މަލާމާތްކޮށް ގޮވަނީ މާމަ ގާތު ޝަކުވާ ކުރަން ދަނީއޭ."
ފުރަތަމަ އޭނާ އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް ފަހުން އޭނާ އަމިއްލައަށް އެ ނަން ބޭނުންކުރަން ފެށިއެވެ.
އޭނާގެ އަސްލު ނަން "ޖޮސިމާރް" އަކީ އޭނާގެ ބައްޕަ އެންމެ ގަޔާވި ބްރެޒިލްގެ ރައިޓް ބެކް ކުޅުންތެރިޔާއަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.
ރޭގެ މެޗަށްފަހު ވޮޒީނިއާ މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާއަށް ރޮވުނީ މާމައާއި ކާފަ މަތިން ވަރަށް ބޮޑަށް ހަނދާންވެގެން ކަމަށެވެ. އޭނާ ޒުވާން އުމުރުގެ ގިނަ ދުވަސްތައް ހޭދަކުރީ އެމީހުންނާއެކު ކަމަށާ، އެމީހުން މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާ ކަމަށެވެ. މިއަދު އޭނާ ވޯލްޑްކަޕްގައި ކުޅުނުއިރު އެމީހުން ތިބިނަމައޭ ހިތަށްއަރާ ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން ވޯލްޑް ކަޕް މެޗްގައި އޭނާ ކުޅޭތަން ބަލަން އޭނާގެ މަންމަ އަންނަން ވަރަށް ބޮޑަށް މަސައްކަތްކޮށް ތައްޔާރުވިނަމަވެސް، ވިސާ ހަމަނުޖެހުމުން ނާދެވުނުކަން އޭނާ ފާހަގަކުރިއެވެ.
"ވިސާގެ ސަބަބުން މަންމައަށް މިތަނަށް ނާދެވުނީ. ވިސާއަށް ދައްކަންޖެހޭ ފައިސާގެ ސަބަބުން، ވަގުތަށް އެކަން ހަމައެއް ނުޖެހުނު. އަހަރެން ބޭނުންވި މަންމަ މިތަނުގައި ހުންނަން،" މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ، ފުން ނޭވާއަކާއެކު އޭނާ ބުންޏެވެ.
ކޭޕް ވާޑެ އާއި ވޮޒީނިއާ
ކޭޕް ވާޑެ އާއި ވޮޒީނިއާގެ ފުޓްބޯޅަ ދަތުރަކީ އެކަތި އަނެކައްޗާ ގުޅިފައިވާ ދަތުރެކެވެ. ވޯލްޑް ކަޕްގައި ކުޅޭ ތިންވަނައަށް އެންމެ ކުޑަ ގައުމަކީ 10 ރަށެއްގެ މައްޗަށް އެކުލެވޭ، ހުޅަނގު އެފްރިކާގެ އައްސޭރިފަށުގައިވާ، އެންމެ 529,000 މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ. ސައޯ ވިސެންޓޭގެ ކުޑަކުޑަ ރަށެއްގައި ވޮޒީނިއާ ބޮޑުވަމުން އައިއިރު، އެ ގައުމުގައި ރޭވުންތެރި ލީގެއް ނެތެވެ. އަދި ހިތްވަރުދޭނެ ނުވަތަ މިސްރާބު ދައްކައިދޭނެ ފަދަ ފުޓްބޯޅަ ބަތަލުންނެއްވެސް ނެތެވެ. އޭނާ ޕްރޮފެޝަނަލް ކުޅުންތެރިއަކަށްވީ އުމުރުން 25 އަހަރުގައެވެ. އޭނާގެ ކެރިއަރުގައި ކޭޕް ވާޑުން ފެށިގެން ސައިޕްރަސް، އެންގޯލާ، މޮލްޑޯވާ އަދި ސްލޮވާކިއާގެ އާދައިގެ ލީގުތަކުގައި ކުޅުމަށްފަހު، ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ޑެސްޕޯޓިވޯ ޑި ޗާވްސްއާ ގުޅުނެވެ.
"އަހަރެން 18 އަހަރުގެ ވޮޒީނިއާ ގާތު ބުނާނީ އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވުމަށް. އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި. ތެދަށް ބުނަންޏާ، އަހަރެން ކުޑައިރު މިކަހަލަ ކަމަކަށް ދުވަހަކުވެސް ހުވަފެނެއް ނުދެކެން. އެކަމަކު މި މެޗަށްފަހު އަހަރެންގެ ޒުވާން އުމުރަށް ބުނެވިދާނެ އެ ހުރިހާ މަސައްކަތެއްގެ ފައިދާ ފެނިއްޖެއޭ،" ހިނިތުންވުމަކާއެކު އޭނާ އެ ދަތުރު ހަނދާން އާކުރިއެވެ.
ޒުވާން ބްރޫނޯ ވަރޭލާއަށް ފުރަތަމަ ޗޮއިސްގެ ގޮތުގައި ފުރުސަތު ދިނުމުން، ވޮޒީނިއާއަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުމާ ގާތްވިއެވެ. "އަހަރެން ހުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިގެން. އެކަމަކު ޓީމުގެ ހުރިހާ ކުޅުންތެރިން އަހަންނާ ވާހަކަދައްކައި، ވޯލްޑް ކަޕަށްޓަކައި މަޑުކުރުމަށް ހިތްވަރު ދިން. އަހަރެން މަޑުކުރީ އެ ސަބަބަށްޓަކައި، އެއީ އަހަރެންގެ ހުވަފެނަކަށް ވާތީ، އަހަރެމެން އެންމެންގެ ހުވަފެނަކަށް ވާތީ،" އޭނާ ބުނެފައި ވެއެވެ.
ރޭގެ މެޗްގައި ސްޕެއިންގެ މޮޅެތި ކުޅުންތެރިންގެ ހޫނު ބޯޅަތައް ވޮޒީނިއާ މަތަކުރަމުން ދިޔައިރު، މެޗްގެ ކޮމެންޓޭޓަރަކު އޭނާއަށް ނިސްބަތްކޮށް ބުނީ އެއީ 'ދަ ރޮކް އޮފް ކޭޕް ވާޑް' ކަމަށެވެ. އެ މެޗާއެކު އޭނާގެ ވާހަކަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުންވެސް ގެނެސްދޭން ފަށައިފި އެވެ.
ރޭގެ މެޗް ފެށުނުއިރު ވޮޒީނިއާގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި ތިބީ ފަންސާސް ހާސް ކަމަށްވިޔަސް، މެޗުން ލިބުނު މަގުބޫލު ކަމާއެކު އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު އެތައް ގުނައަކުން ވަނީ އިތުރުވެފައެވެ. މިހާރުވެސް 5 މިލިޔަނަށްވުރެ ގިނަ ފޮލޯވަރުން އެބަ ތިއްބެވެ.




