އީސީ އާއި ބްރޯޑްކޮމް އަށް އައްޔަންކުރަން މިއަދު މަޖިލީހުން ފާސްކުރި ބޭފުޅުން
އީސީ އާއި ބްރޯޑްކޮމް އަށް އައްޔަންކުރާ މެންބަރުންގެ ނަންތައް ފާސްކޮށްފި
ޖުނާން އަޙުމަދު 16 ޖެނުއަރީ 2025 (ބުރާސްފަތި)   12:32
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދެ މެންބަރަކާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަންކުރާނެ ބޭފުޅުންގެ ނަންތައް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އީސީއަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފަހުން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ވެސް ކުރެއްވި ޢަބްދުއްރަހްމާން ސޮލާހު ރަޝީދެވެ.

އީސީގެ މެންބަރުކަމަށް މި ދެބޭފުޅުން އައްޔަނުކުރުމަށް ފާސްވީ ވޯޓްގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. 

މިހާރު އެ ކޮމިޝަންގައި ތިއްބަވަނީ 3 މެންބަރުންނެވެ. މި ދެ ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަތުމުން އީސީގެ ޖުމްލަ 5 މެންބަރުން ހަމަވާނެއެވެ. 

އީސީ އިން ދެ މަގާމު ހުސްވީ، ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް ގެ މައްޗަށް ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީހުން އެ ދެބޭފުޅުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ ދައުރުންބޭރުން މިއަދު ބޭއްވި ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށްވެސް މެންބަރުން އައްޔަނުކުރުމަށް ރުހުން ދިނެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ވަނީ ފާސްކޮށްފައެވެ.

އެގޮތުން ބްރޯޑްކޮމްއަށް މެންބަރުން ހޮވުމަށް ނެގި ވޯޓުގައި ސަރާހަތު ބްރޯޑްކޮމް އަށް އައްޔަން ކުރަން 68 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވާއިރު، މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. އޭނާއާ ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ. 

ބްރޯޑްކޮމްއަށް މުހަންމާ އައްޔަނުކުރަން ރުހުންދިނީ ދެވަނައަށް އެންމެ ގިނައިން މާކްސް ލިބުނު ޝިފްޒާ މުސްތަފާ އައްޔަނުކުރަން ނުފެންނަ ކަމަަށް ޕީއެންސީގެ 50 މެމްބަރަކު ވޯޓު ދިނުމާ ގުޅިގެންނެވެ. މުހަންމާ އަކީ މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ރިޕޯޓުގައި ތިންވަނައަށް އެންމެ ގިނައިން މާކްސް ލިބުނު ފަރާތެވެ.

ކޮމެންޓް