މުހައްމަދު ހަލީމް އަބްދުﷲ އަދި ފާތިމަތު އަމީޒާ.-
ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރަން ހަލީމާއި އަމީޒާގެ ނަން ފޮނުވައިފި
މަރްޔަމް މުޙައްމަދު 6 ޖުލައި 2026 (ހޯމަ)   11:51
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަމަކީ، އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް ގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް އައްޔަންކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މުހައްމަދު ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގަންނަވަން އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ކޮމެންޓް