ރާއްޖޭގެ ރަށެއްގެ އަތިރިމަތީގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
ޓުއާ އޮޕަރޭޓަރުން ބުނަނީ އިތުރު ޓެކްސް ދައްކަން ޖެހިއްޖެއްޔާ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް
ހިޝާމް ހާރޫން 16 ސެޕްޓެމްބަރ 2026 (ބުދަ)   15:31
ޓޫރިޒަމް ޕްރޮޑަކްޓުތަކުން ޓެކްސް ނަގާ ގޮތް ޑެސްޓިނޭޝަން ޕްރިންސިޕަލަށް ބަދަލުކުރާތީ ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓުހައުސްތައް ވިއްކާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ފައިދާއިން ޓެކްސް ދައްކަން ޖެހޭ ގޮތަށް ބަދަލުކޮށްފިނަމަ ރާއްޖެ ވިއްކުން ހުއްޓާލާނެކަމުގެ އިންޒާރު ދީފިއެވެ.

ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ބޭއްވި އޮންލައިން ވެބިނާއެއްގައި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 700 އަށް ވުރެ ގިނަ މީހުން ބައިވެރިވި މި ބައްދަލުވުމުގެ ގިނަ ބައިވެރިން ވަނީ މި ބަދަލާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލް (މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ތަނާއި ވަގުތު) ގެ ގަވާއިދުތަކާއި، އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ހަދާފައިވާ ބުކިންތަކުގައި އަމަލުކުރާނެ ގޮތް ހާމަކުރިއެވެ. ނަމަވެސް މި މައުލޫމާތުތައް ދޭން ފެށުމުން، ވެބިނާގެ ބައިވެރިން ވަނީ މި ބަދަލުތަކާ ވަރަށްބޮޑަށް ދެކޮޅުހަދާ ވާހަކަ ދައްކާފައެވެ.

އެންމެ ގިނަ ބައިވެރިންގެ ކަންބޮޑުވުމަކަށްވީ، ޑަބަލް ޓެކްސޭޝަނުގެ މައްސަލަ އެވެ. ޑަބަލް ޓެކްސޭޝަނަކީ އެކައްޗަކުން ދެ ފަހަރަށް ޓެކްސް ނެގުމެވެ.  މި މައްސަލައިގައި ރާއްޖޭގެ ޓޫރިޒަމް ވިއްކުމުގައި މެދުވެރިންގެ ރޯލު އަދާކުރާ މީހުން ބުނީ، ރާއްޖެއަށް ޓޫރިސްޓުން ފޮނުވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އެ މީހުން ވިއްކާ އަގުގައި ހިމަނައިގެން ކަމަށެވެ.

މި އަގުގެ ތެރޭގައި އެ މީހުންގެ ފައިދާ ހިމެނޭއިރު، ސަރުކާރުން ބޭނުންވަނީ މި ފައިދާ ނުވަތަ މާކްއަޕްގެ ގޮތުގައި ހިމަނާ އަދަދު ޓެކްސް ކުރާށެވެ. ބައެއް ބައިވެރިން ބުނި ގޮތުގައި، މި ފައިދާއިން އެ މީހުންގެ ގައުމުތަކުގައި ޓެކްސް ދައްކަމުން އަންނައިރު، ހަމަ އެ އަދަދުން ރާއްޖެއަށް 17 ޕަސެންޓު ދެއްކުމަކީ ދެ ފަހަރު ޓެކްސް ދެއްކުމެވެ.

ބައްދަލުވުމުގައި ބައިވެރިވި އެޖެންޓަކު ބުނީ ޝީޝެލްސް އާއި ސައުދީ އަރަބިއާ އާއި ފިޖީ ފަދަ ގައުމުތަކުން މި ގޮތަށް ޓެކްސް ނުނަގާ ކަމަށެވެ. އަދި، ރާއްޖެއިން މި ޓެކްސް ނަގަން ފަށައިފި ނަމަ، އެ މީހުން ވިއްކާނީ އެ ތަންތަން ކަމަށް އޭނާ ބުންޏެވެ.

"ދުނިޔެއަކީ ވަރަށް ބޮޑު ތަނެއް. ރާއްޖެ ކަހަލަ، ސަތޭކައިން ގުނާލެވޭ ރީތި މަންޒިލްތައް އެބަހުރި. އެހެން ޓްރޮޕިކަލް މަންޒިލްތަކަށް ވުރެ ދެ ގުނަ އަގުބޮޑުކޮށް ރާއްޖެ ވިއްކަންވީ ކީއްކުރަން،" ޓުއާ އޮޕަރޭޓަރަކު ބުންޏެވެ. "މިކަހަލަ ދެކޮޅު ނުޖެހޭ ޓެކްސްތައް މުރާޖައާ ނުކުރާ ނަމަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ނިމުމަކަށް އަންނާނެ."

ވެބިނާގައި ބައިވެރިންގެ ތެރެއިން، ޓެކްސް ދައްކަން ދެކޮޅު ނުހަދާ ބައިވެރިން ވަނީ މިހާ ކުރު މުއްދަތެއް ދީފައި މިކަން ކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިކަމަށް ތާއިދުކޮށް ވާހަކަ ދެއްކި ޔޫރަޕުގެ ބައެއް ޓުވާ އޮޕަރޭޓަރުން ބުނީ، ޔޫރަޕުގެ ގާނޫނުތައް ހުންނަ ގޮތުން ވިއްކާފައި ހުރި ބުކިންތަކަށް އިތުރަށް ފައިސާ ނެގުން މަނާ ކަމަށެވެ. މިހެން ކަމުން މި ފައިސާ ދައްކަން ޖެހޭނީ އެ މީހުންގެ ޖީބުން ކަމަށް އެ މީހުން ބުންޏެވެ.

އެ އިސްލާހުގެ ވާހަކަ ދެކެވެން ފެށީއްސުރެ ޓުއާ އޮޕަރޭޓަރުންނާއި މި ސިނާއަތުގެ ދުވަސްވީ އެންމެން އެކަމާ އަންނަނީ ދެކޮޅު ހަދައި، އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. މި ސިނާއަތް ތަމްސީލުކުރާ މަޓާޓޯއިން ވެސް ވަނީ އެ އިސްލާހާ ދެކޮޅެވެ. އެކަމަކު އެ އިސްލާހު އަނބުރާ ގެންދިއުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ.

ކޮމެންޓް