
މިއަދު އެ މިނިސްޓްރީން އާންމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފުސީލުތައް ހިމެނޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ ވަނީ 30.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެހެންކަމުން އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ އިތުރުވުމެއްގެ ގޮތުގައި ބެލެވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުން ކަމަށް ފެނެއެވެ.
އެގޮތުން 22.5 ބިލިއަން ރުފިޔާއިން 23.8 ބިލިއަން ރުފިޔާއަށް ޓެކްސް އާމްދަނީ އިތުރުވެފައި ވާއިރު، މިދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓީޖީއެސްޓީންކަން ފިނޭންސް އިން ހާމަކުރި ތަފާސް ހިސާބުތަކުން އެނެގެއެވެ.
ޓީޖީއެސްޓީއަށް މިހާރު 8.06 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ހަފުތާއެއް ކުރިން، މިދިޔަ މަހުގެ 24ގެ ނިޔަލަށް އެ އަދަދު ހުރީ 7.88 ބިލިއަން ރުފިޔާގައި ކަން ފާހަގަކުރެވުނު ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީއަށް 8.17 ބިލިއަން ރުފިޔާ ލިބިފައިވުމުން، މި އަހަރު ލިބުނު އާންދަނީ އަކީ، އެ އަދަދާ އަޅާބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެއް ކަން ފާހަގަކޮށްލެވެއެވެ.
އަދި، މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް އަރާފައި ވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެއްގެ ގޮތުގައި ބެލެވެއެވެ.
މި އަހަރުގެ ފަހުކޮޅު ވާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކާމިޔާބު ދުވަސްތަކަކަށް ބުނެ، ޕީކް ސީޒަނަށް އުއްމީދު ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ، އެހެން ނަމަވެސް އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ވެސް މި މަހުން ފެށިގެން ޓެކްސް ނެގުމަށް ސަރުކާރުން ނިންމާފައި ވުމުން، އެ ބަދަލާ މެދު ދިވެހި އަދި ބޭރުގެ މާހިރުންނާއި ކުންފުނިތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.




