
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނިމުނު އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ކަމަށްވާއިރު، އޭސީސީއިން މިއަދު މީޑިއާއަށް މައުލޫމާތު ދީފައިވަނީ، ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް "ދަ ހޯކްސް ޕްރައިވެޓް ލިމިޓް" އަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ހިލާފަށް ކައުންސިލުން ދިނުމުގެ ތުހުމަތުގައި، ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލައެއް ފޮނުވާފައި ވާކަމަށެވެ.
އޭސީސީއިން މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ.
އަދި އެ ފޮނުވާފައިވާ މައްސަލަ މިހާރު ވަނީ އެ އޮފީހުން ބަލައިގެންފައި ކަމަށް ބުނެ، ޕީޖީން ބުނީ އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބު ރައީސް އަހުމަދު އިމްދާހުގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި އަހުމަދު ރައޫފާއި މަރްޔަމް ވަކީލާއާއި އާމިނަތު ވިސާމާގެ އިތުރުން އާމިނަތު ނާސިހާގެ މައްޗަށް ކަމަށެވެ.
އެ މީހުންގެ ތެރެއިން، ރައޫފާއި ވިސާމާ އަދި އިމްދާހު މިހާރުގެ ކައުންސިލްގައި ވެސް ތިއްބަވާކަން ފާހަގަކޮށްލެވެއެވެ.




