
ފުލުހުން ބުނީ، ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާ، އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ ވަނީ އިއުތިރާފުވެފައި ކަމަށެވެ.
އަދި އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައި ވާއިރު، 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް މިހާރު ޖަމާކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ތަހުގީގުގެ ތެރެއިން ފުލުހުން ކުރަމުން އަންނަކަމަށާ، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައިގާ ހިމެނޭ މީހާ ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.




