ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހު ހަނީފް.--- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޮޑިޓް ކޮމިޓީގެ ޗެއާކަމުން ސަނީހު އިސްތިއުފާދީފި
ޖުނާން އަޙުމަދު 9 ޖުލައި 2026 (ބުރާސްފަތި)   15:50
ކޮރަޕްޝަނުގެ ތުހުމަތުތަކަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމުން ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހު ހަނީފު މިއަދު އިސްތިއުފާދެއްވައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ކޮމިޓީތައް އެކުލަވާލިއިރު، އޮޑިޓި ކޮމިޓީގެ ޗެއާ ކަމާއި ފިނޭންސް ބަޖެޓު އެންޑް ރިސޯސް މޮބިލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާގެ މަގާމު ހިމެނޭ ގޮތަށް، އެ ކައުންސިލުގެ މުހިންމު ކޮމިޓީތަކެއް ޕީއެންސީ ތަމްސީލު ކުރައްވާ ކައުންސިލަރު އަހުމަދު ސަނީފު ހަނީފާ ހަވާލުކުރުމުން ގިނަބަޔަކު ފާޑުކިޔަން ފެށިއެވެ.

ސަނީހު އޮޑިޓް ކޮމިޓީގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވި ސީދާ ސަބަބު ހާމަނުކުރެއްވި ނަމަވެސް، އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ސޯޝަލްމީޑިއާގައި ފާޑުކިޔުން އިތުރުވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ސަނީހުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އޭނާ ވަޒީފާ އަދާކުރެއްވި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާ އެޗްޑީސީގެ ޗީފް ރިއަލް އެސްޓޭޓު އޮފިސަރުގެ މަގާމުގައި ހުންނެވިއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކާ ގުޅޭ ވައްކަމާއި، ވޯޓާ ތީމް ޕާކުގައި ހުރި މުދާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ.

އެޗްޑީސީގައި ހިންގި ކަމަށް ބުނާ މައްސަލަތަކުގެ ތެރެއިން ވޯޓާ ތީމް ޕާކުގެ މައްސަލައިގައި އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް، ބިންވެރިޔާ ސްކީމްގެ މައްސަލާގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެހެންނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުކޮށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން، ސަނީހު ހިމެނޭހެން އެ މައްސަލައިގައި ވަކިކުރި ހުރިހާ މުވައްޒަފުންނަށް ފަހުން ވަނީ އަލުން ވަޒީފާ ދީފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މާލީ ކަންތައްތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ފާހަގަކުރެވިފައިވާއިރު، އެ ކައުންސިލުގެ އޮޑިޓު ރިޕޯޓުތައް ގަވާއިދުން ނެރެމުން ނުދާ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. 

އެންމެ ފަހުން އާންމުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ. ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެ ދައުރުގެ އެއްވެސް އޮޑިޓް ރިޕޯޓެއް ނެރެފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ މިހާރު އިދިކޮޅު އެމްޑީޕީއަށް އޮތް އިރު، ސަނީހަކީ އެ ކައުންސިލްގައި ހިމެނޭ ޕީއެންސީއަށް ނިސްބަތްވާ ދެ ކައުންސިލަރުންގެ ތެރެއިން އެކަކެވެ.

ކޮމެންޓް