ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް.--
ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި
ފިޔެސް 10 ޖުލައި 2026 (ހުކުރު)   19:13
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޅުކުރައްވައިފި އެވެ.

ފައިސަލް މިހެން ވިދާޅުވީ އަދަދު ނޫހުން ގެނެސްދިން 'އެތެރެފުށް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވިޔަސް ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

"އަޅުގަނޑު ވެސް ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި، އެހެންވީމާ މި ޝައުގުވެރިކަމަކީ، މިއަދު އަޅުގަނޑު ނެތޭ ބުންޏަސް އެ ގަބޫލުކުރާނެ ބަޔަކު ވެސް ނުތިބޭނެ، އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،" ފައިސަލް ވިދާޅުވި އެވެ.

އެހެންނަމަވެސް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ރައްޔިތުންގެ ކައިރީގައި ދައްކާ ވާހަކަތައް އެ މީހުންނަށް ފުއްދައިދެވޭނެ ގޮތަކީ ކޮބައިކަން ބަލަންޖެހޭ ކަމަށާއި އެއީ އޭނާއަށް ވަރަށް މުހިންމު ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އެއީ އެކުގައި އަޅުގަނޑުމެންނަށް 2028 ކާމިޔާބު ކުރެވޭނެ ކޮންމެ ގޮތަކީ. 28، އެމްޑީޕީއަށޤ ކާމިޔާބުކުރެވޭނެ ކޮންމެ ގޮތަކީ އެއީ އަޅުގަނޑުމެން އެކަމަކަށް އިޖާބަދޭން ޖެހޭނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މުޅި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އަދި، ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީގެ ފަރާތުން ކޮންމެ މީހަކު ނުކުތް ނަމަވެސް، އެ މީހެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮވެގެން ނޫނީ 2028 ކާމިޔާބު ކުރުން ދަތިވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނައިބު ރައީސްކަން ކުރެއްވި ފައިސަލަކީ މި ފަހުގެ ތާރީޚުގައި ރާއްޖޭގައި އުފެދުނު ސަރުކާރުތަކުގައި ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސެވެ. 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު އެއްވެސް ސަރުކާރެއްގައި، ފައިސަލް ފިޔަވައި އެހެން އެއްވެސް ނައިބު ރައީސަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވިފައެއް ނުވެއެވެ.

އިޖުތިމާއީ ޚިދުމަތްތެރިއެއްގެ ގޮތުގައިވެސް ފާހަގަކުރެވިފައިވާ ފައިސަލް، ސިޔާސީ މަސައްކަތް ރަސްމީކޮށް ފެއްޓެވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވައިލުމަށް، 2004 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. އޭރު ފައިސަލް ތަމްސީލުކުރެއްވީ ފުވައްމުލަކު ދާއިރާއެވެ. އޭގެ ފަހުން، ފައިސަލް ވަނީ 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ހޯއްދަވާފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި، އޭރުގެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޞާލިޙްގެ ރަނިންމޭޓެއްގެ ހައިސިއްޔަތުން ނައިބު ރައީސްކަމަށް ވަޑައިގެންނެވިއެވެ.

ފައިސަލް، ޖުމްހޫރީ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު، އެމްޑީޕީއާ ގުޅިވަޑައިގަތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް