ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް.--
ވެރިކަން ދިފާއުކުރަން ކޮންމެ ކަމެއްވެސް ކޮށްފާނެ، މި ނޫން ގޮތެއް ހޯދަންޖެހޭ: ފައިސަލް
ހަސަން އިބްރާހީމް 19 އޯގަސްޓް 2026 (ބުދަ)   18:50
ވެރިކަން ދިފާއުކުރަން މި ސަރުކާރުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގު ރިޕޯޓް ކުރާނަމަ ޖޫރިމަނާ ކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މުޖުތަމަޢުގައި ހިނގާ ބޮޑެތި ކުށްތަކާއި، ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި، ރިޝްވަތާއި، ފަސާދައިގެ އަމަލުތައް އަދި ވެރިކަމުގެ އާރާއި ބާރުގެ ބޭނުންކޮށްގެން ހާސިލުކުރާ ނާޖާއިޒު ފައިދާގެ ވާހަކަތައް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ.

ސަރުކާރުގެ ނާޤާބިލުކަމުން ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލައި، ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އެރުމުން، އެކަންކަން އެނގުމަކީ ވެސް ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމަކީ ގާނޫނުއަސާސީގެ 27، 28، 29 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ޙައްގު ތަކަކަށް ވީ ހިނދު، މި ހައްގުތައް ނިގުޅައިގަތުމަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަން ފައިސަލް ފާހަގަކުރެއްވި އެވެ.


އަޅުގަނޑުމެންގެ ދުސްތޫރުގެ ހުރުމަތަށް ވެސް ނުބަލައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުފޫޒުގެ ދަށުގައި ބައި ތިއްބައިގެން، މިނިވަން ޑިމޮކްރެޓިކް މުޖްތަމައު ތަކުގައި ނަގަހައްޓަމުން އަންނަ މިފަދަ އަސާސްތައް ނެތިކޮށްލުމަށް، ސަރުކާރުން އިންތިޒާމީ ގޮތެއްގައި ހިންގާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މާލިއްޔަތުގެ ގާނޫނަށް ހުށަހަޅާފައިވާ (ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރުމުގެ) އިސްލާހު އަބުރާ ގެންދަން ގޮވާލަން. - ފައިސަލް ނަސީމް


ފައިސަލް ވިދާޅުވީ ސަރުކާރުގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން، މެޖޯރިޓީން އިން ފާސް ކުރާ ކޮންމެ ބިލެއް ޤާނޫނަކަށް ވާއިރު، އެކަމުގެ ސަބަބުން ދެން ތިބޭ ރައްޔިތުންނަށް ކުރާނެ އަސަރާއި، އެކަމުން ނިކުންނާނެ ނަތީޖާއާ މެދު ވެސް ވިސްނާލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި މިފަދަ ކަންކަމުން މި ފެންނަނީ ޤައުމު އޭގެ ޒާތުގައި ނެތިގޮސް، ޤައުމުވަންތަކަން ހަލާކުވެ ފުނޑު ފުނޑުވަމުންދާ މަންޒަރު ކަމަށާއި މިއިން އެނގެނީ ވެރިކަމުގެ ދަހިވެތި ކަމުގައި، ވެރިކަން ދިފާއު ކުރުމަށްޓަކައި، ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން ކަމަށް ފައިސަލް ވިދާޅުވި އެވެ. މިއީ ރައްޔިތުން މިކަންކަމާ މެދު ވިސްނައި، މި ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް