އައްޑޫއިން ޖިއްދާއަށް ކުރާ ފުރަތަމަ ދަތުރަށް ދަތުރުވެރިން ބޯޓަށް އަރަނީ.-- ފޮޓޯ: މޯލްޑިވިއަން
ދަތުރުވެރިޔާ ގްރޫޕްގެ އުމްރާ ދަތުރު ސީދާ އައްޑޫން މައްކާއަށް
ފިޔެސް 12 ޖުލައި 2026 (އާދީއްތަ)   12:43
ހައްޖާއި އުމްރާ ދަތުރު އިންތިޒާމުކޮށް ކުރިއަށް ގެންދާ "ދަތުރުވެރިޔާ" ގްރޫޕްގެ އުމްރާ ދަތުރެއް އައްޑު އަތޮޅު ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރައިފި އެވެ.

ރާއްޖޭގެ ހުޅުލެ ނޫން އެހެން ސަރަހައްދަކުން ފުރައިގެން ވައިގެ މަގުން  ޖިއްދާ އަށް ދެވޭ ފުރަތަމަ ފަހަރެވެ. ދަ ޓްރެވެލާ އުމްރާ އެންޑް ހައްޖު ސާވިސަސް އެކްސްކްލޫސިވް ސައުދީ ޓްއާސް (ދަތުރުވެރިޔާ) އާއި މޯލްޑިވިއަން ގުޅިގެން، ރޭގެ ފަތިހު 4:24 ގައި ގަމުން ޖިއްދާ އަށް އުދުއްސާލި މޯލްޑިވިއަންގެ އޭ 330 ގެ މަތިންދާބޯޓުގައި އުމްރާގެ އަޅުކަމަށް ޖުމުލަ 259 މީހަކު ދަތުރުކުރެއެވެ.

"އައްޑޫ-މައްކާރޫޓް" ނަމުގައި ފެށި މި ދަތުރު، "ދަތުރުވެރިޔާ" އިން ހަމަޖައްސާފައިވާ ގޮތުން އުމްރާއަށް ދާ މީހުންގެ ލަގެޖްވެސް އެމީހުންގެ ގޭގެއިން ގެންގޮސް، ދަތުރުވެރިންނަށް ލުއިފަސޭހަ ވާނެ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

އާންމު އުސޫލަކުން ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރަންޖެހެނީ ހުޅުލެ އެއާޕޯޓް މެދުވެރިކޮށެވެ. އެހެންނަމަވެސް އައްޑޫފަދަ އާބާދީ ބޮޑު އަތޮޅަކުން މިފަދަ ގޮތަކަށް ދަތުރުތައް ހަމަޖެއްސުން މުހިންމުކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

މުޅިން އަލަށް މިފަދަ ދަތުރެއް މިގޮތަށް ކުރެވޭތީ، މޯލްޑިވިއަނުން ވަނީ އެކަން ފާހަގަކޮށްފައެވެ.

"މިއަދަކީ ހަމައެކަނި އާ ރޫޓެއް އިފްތިތާހުކުރެވުނު ދުވަހެއް ނޫނެވެ. މިއީ ގުޅުންތައް ބަދަހިވެ، ފުރުސަތުތައް އިތުރުވެ، މޯލްޑިވިއަންގެ ތާރީޚުގައި ގާއިމުކުރެވުނު ފަޚުރުވެރި ކާމިޔާބީއެކެވެ." މޯލްޑިވިއަން އިން ސޯޝަލްމީޑިއާގައި ހާމަކޮށްފައި ވެއެވެ.

މޯލްޑިވިއަންގެ އިތުރުން މި ދަތުރުގެ ހާއްސަކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ގެންދަނީ އެފަރާތްތަކުގެ ޝުއޫރު ހާމަކުރަމުންނެވެ.

ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވާ ގޮތުގައި މިއީ ވަރަށް ތާރީހީ ދަތުރެކެވެ.

"މިފަދަ ދަތުރެއް މި ގޮތަށް ބޭއްވިގެން ދިއުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އުމުރާއަށް ދިއުމަޑށް މާލެ ނުގޮސް ރަށުގައި ތިބުމަށްފަހު، ޑައިރެކްޓްކޮށް މައްކާއަށް ދިއުމުގެ ފުރުޞަތު ލިބުމަކީ ދެކުނުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް." ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.  

ކޮމެންޓް