
މާލެ ސިޓީކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ ތާއީދާއެކު ޒާޔާގެ މި ހުށަހެޅުއްވުން މިއަދު ފާސްކޮށްދީފައި ވަނީ މިއަދު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ރަސްމީ އާންމު ޖަލްސާގައި ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.
މިކަމަށް އެދިވަޑައިގެން މިއަދު ޖަސްލާއަށް ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ފިތުރޯނު މަގާއި ރީތިގަސް މަގަކީ އަމާން ދޯދީގެ ގިނަ އަދަދެއްގެ ޓަވަރުތައް ހިމެނޭ ސަރަހައްދެއް ކަމަށާ، ފޭސް 2 ގައި އަލަށް މީހުން އާބާދުވި މި ސަރަހައްދުގައި 17 ފަންގިފިލާގެ ގިނަ އަދަދެއްގެ ޓަވަރުތައް ހިމެނޭއިރު، މިއިން ކޮންމެ ޓަވަރެއްގައި އެތައް ސަތޭކަ ރައްޔިތުން ދިރިއުޅޭ ކަމަށެވެ.
އަދި މާލޭގެ ސްކޫލްތަކަށް ތައުލީމު ހާސިލުކުރަންދާ ގިނަ އަދަދެއްގެ ކުދިންނާއި، މާލޭގައި ހުރި އޮފީސްތަކުގައި ވަޒީފާ އަދާކުރާ ގިނަ އަދަދެއްގެ ބަޔަކު ވެސް އެ ޓަވަރުތަކުގައި ދިރިއުޅޭ ކަމަށާ، ހަމައެހެންމެ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ވެސް މި ޓަވަރުތަކުގައި ދިރިއުޅޭ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، މި ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް މިހާތަނަށް ގާއިމްކޮށްފައި ނުވަތަ ބަސް ހުއްޓިއެއް ވެސް މިހާތަނަށް އަޅާފައި ނުވުމަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ އެތަކެއް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ދަތި އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމަށެވެ.
ޒާޔާ ވިދާޅުވީ، މި ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް މިލިއަނުން ފައިސާ ބޭނުން ނުވާނެ ކަމަށާ، މި ހިދުމަތް ގާއިމްކުރުމަށް ކުރަންޖެހޭ ހޭދަ ލައްކައަކަށް ވެސް ނާރާނެ ކަމަށެވެ.
އެހެންކަމުން މިއީ ކުޑަ ހަރަދަކުން ކުރެވޭނެ ކަމެއްކަމަށް ވީހިނދު މި ފަސޭހަ ނިޒާމް ގާއިމްކުރުމުން އެތައް ސަތޭކަ ރައްޔިތުންގެ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާ، ކަމާބެހޭ ފަރާތްތަކުން މިކަމަށް އިސްކަންދީ، އަވަސް ހައްލެއް ހޯދައިދިނުމަކީ މުޅި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އުންމީދު ކަމަށް ޒާޔާ ވިދާޅުވިއެވެ.
ޒާޔާ ވަނީ ހުޅުމާލެ ފޭސް-2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހުރި ދަތިތައް ފާހަގަކުރައްވާ މިދިޔަ ބުދަ ދުވަހު ވެސް ފިޔެސް އާ މައުލޫމާތު ހިއްސާކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.
ފިޔެސްއަށް މައުލޫމާތު ދެއްވަމުން ޒާޔާ ވިދާޅުވެފައި ވަނީ، ހުޅުމާލެ ފްލެޓްތަކުގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި އެޗްޑީސީން ވަނީ ވަރަށްބޮޑަށް އިހުމާލުވެފައި ކަމަށާ، އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަންޖެހޭ މިސްކިތްތައް ނޭޅި ދިގުލައިގެން ގޮސް، އެ ސަރަހައްދުތަކުގައި މަދިރި ގިނަވުން ފަދަ އެތައް މައްސަލަތަކެއް އެއްވެސް ހައްލެއް ނުލިބި އެބަހުރިކަމަށެވެ.
މީގެއިތުރުން ވެސް ޒާޔާ ވަނީ، އެދުވަހު ބޭއްވި މާލޭސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި ވެސް އެފަދަ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކަންބޮޑުވުން ފާޅުކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން، ވިނަރެސް އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅުވާއް ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީ އިން ބޮޑުތަނުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އެ ސަރަހައްދުގައި އިމާރާތް ކުރަން ފަށައިފައިވާ މިސްކިތްތަކުގެ މަސައްކަތް ހުއްޓިފައި ހުރުން ކަމަށެވެ.
އެ ގޮތުން، ހިޔާ ފްލެޓް ސަރަހައްދާއި ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަޅަން ފެށި ތިން މިސްކިތެއްގެ މަސައްކަތް ހުއްޓިފައި އޮންނާތާ، ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ހުކުރު ދުވަސްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް، މިހާރު ހުރި މިސްކިތްތަކުން ޖާގަ ނުލިބުމުގެ ސަބަބުން، އަވީގައި ތިބެގެން ނަމާދުކުރަން ޖެހުމުގެ ދަތިކަން ތަހައްމަލްކުރަން ޖެހިފައިވާކަމަށް ވެސް ބުދަ ދުވަހުގެ ބައްދަލުވުމުގައި ޒާޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދެވަނަ ފިޔަވަހީގައި އާދަޔާހިލާފަށް މަދިރި ގިނަވެފައިވާއިރު، އެޗްޑީސީން އެކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ، ރައްޔިތުންގެ ފަރާތުން އެ ކަމުގެ ޝަކުވާތައް އިންތިހާއަށް ލިބެމުންދާކަމަށް ޒާޔާ ވިދާޅުވިއެވެ.
އެހެންކަމުން މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވަމުންދާ ދުވަސްވަރެއްގައި، އާންމުރައްޔިތުންގެ ސިއްހަތާ ގުޅުން ހުރި މި ފަދަ ހައްސާސް މައްސަލަތަކުގައި ކަނޑައެޅިގެން އިހުމާލުވުމަކީ ރައްޔިތުންގެ ސިއްހަތު ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާކިންގްގެ މައްސަލައަކީ ވެސް އެ ސަރަހައްދުގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާ، ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އިއުލާން ކުރެއްވި ޕާކިންގް ބިލްޑިންގްތަކުގެ މަސައްކަތް ކުރިއަށް ނުދާކަމާއި، ވިނަރެސް ފްލެޓްތައް ވިއްކިއިރު ބުނެފައިވާ ފަދަ، ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ހެދުމުގެ އެއްވެސް މަސައްކަތެއް އެޗްޑީސީއާއި، އެފްޑީސީން ކޮށްފައި ނުވާކަން ވެސް ޒާޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފްލެޓްތައް ރަނގަޅަށް މެއިންޓެއިން ނުކުރުމުގެ ސަބަބުން، ކުދި ކުރަފި ފަދަ ސޫފިތައް އާލާވުން އިތުރުވެފައިވާ ކަމަށާ، ކަރަންޓު ކެނޑޭ ވަގުތުތަކުގައި ލިފްޓާއި ފެން ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.
އަދި ބައެއް މަގުތައް އާދަޔާ ހިލާފަށް އަނދިރިކޮށް އޮތް ނަމަވެސް، އެ ކަން ހައްލުކުރުމަށް އެޗްޑީސީން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، މިއީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުމުގައި އެޗްޑީސީ ފެއިލްވެފައިވާކަން ހާމަކޮށްދޭ ހެކިތަކެއް ކަމަށެވެ.




